މައްކާގެ ޙާލަތު ، ޝައިޚް ޝަފީޢުގެ ދުލުން
މުޅި ދުނިޔެއާއި ކުރިމަތިލާން ޖެހިފައިމިވާ ނުރައްކާތެރި ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް އޮތީ ފުރަބަންދުގެ ޙާލަތުގައެވެ. ވުމާއެކު ދުނިޔޭގެ ބޮޑު އާބާދީއެއް މިވަގުތު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މީގެ ތެރެއިން ވެސް ވޭތުވަމުންމިދާ ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ މައްސަރަކަށްވުމާއެކު މުޅި އިސްލާމީ އުއްމަތް އޮތީ ހިތާމަވެރި ޙާލަތެއްގައެވެ. ވަކިން ޚާއްޞަކޮށް ޢުމްރާގެ އަޅުކަމަށް އެތައްލައްކަ މީހުންނެއް ޒިޔާރަތް ކުރާ މައްކާއަށް ވެރިވެފައި އޮތް ހަމަހިމޭން ކަމާއެކު މިވަގުތަކީ މުސްލިމުންނަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ.
މައްކާގެ މިހާރުގެ ޙާލަތު ޝައިޚް ޝަފީޢު ޢަބުދުﷲ ވަނީ ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕް މެދުވެރިކޮށް ކިޔައިދީފައެވެ. ޝައިޚް ޝަފީޢު ޢަބުދުﷲ އަކީ މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީއިން މާސްޓާސް ފުރިހަމަ ކުރައްވަމުން ގެންދަވާ ދަރިވަރެކެވެ. މިއީ ޝައިޚް މައްކާގައި ހޭދަ ކުރައްވާ 13 ވަނަ އަހަރެވެ.
ޝައިޚް ޝަފީޢު ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްފަދައިން ސައޫދީއަށް ވެސް ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ބޮޑުކަމަށާއި މައްކާއިން އެކަނި އިއްޔެ ވެސް ދުއިސައްތައެއްހައި މީހުން ވައިރަހަށް ފައްސިވި ކަމަށެވެ. އަދި އެގައުމުގެ ސަރުކާރުން ވެސް ވަނީ ރަނގަޅު ފިޔަވަޅު ތަކެއް އަޅާފައި ކަމަށާއި ބޭރަށް ދިޔުމަށް ހުއްދަ އޮންނަނީ ހަމައެކަނި ޒަރޫރީ ބޭނުމެއްގައި ކަމަށް ޝައިޚް ވިދާޅުވިއެވެ. އެނޫން ގޮތަކަށް ބޭރަށް ދާނަމަ ޖޫރިމަނާ އާއި ޖަލުގެ އަދަބު ވެސް ދޭކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ އެންމެ މާތްބިމުގައި ، އެންމެ މާތް މައްސަރުގެ ހެޔޮކަން ހޯދުމަށް ރަމަޟާންމަސް ފެށެން މަހެއްހާ ދުވަސް ވުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުން މައްކާއަށް މީސްތަކުން ދާން ފަށާކަމަށާއި އަދި މި ރަމަޟާންމަހުގައި ހުރިހާ މުސްލިމުންނަށް ވެސް އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން ކަމަށެވެ. އެގޮތުން ދެޙަރަމް ވެސް ބަންދުކޮށްފައިވުމާއެކު އެތަނުގައި ނަމާދުކޮށް އެހެން އަޅުކަންތަކުގައި މަޑުކޮށްލަން ތިބުމުގެ ފުރުސަތު ލިބެނީ އެތަންތަނުގެ މުވައްޒަފުންގެ އިތުރުން މަދުބަޔަކަށް ކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ.
''ރަމަޟާންމަސް ޖެހެން ގާތްގަނޑަކަށް އެއްމަހަށްވާއިރު ދުނިޔޭގެ އެތަން މިތަނުން ޖަމާވާން ފަށާނެ ، މުސްލިމް އަޚުންނާއި އުޚުތުން ރަމަޟާންމަހުގެ މަތިވެރިކަން މި މާތްބިމުގައި ހޭދަކުރުމުގެ ގޮތުން ޖަމާވާން ފަށާނެ، ޓްރެފިކް ބޮޑުވެގެންދާނެ ، ރޯދަވީއްލާ ގަޑިއަށް ޙަރަމްފުޅަށް ދާން ބައެއްފަހަރު ގެއިން ނުކުންނަށް އެބަޖެހޭ އެއްގަޑިއިރު ދެގަޑިއިރު ކުރިން، '' މިއަހަރުގެ ފަޅުކަން ފާހަގަ ކުރަމުން ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ޙަރަމްފުޅުގައި ހަދާ ބޮޑު ޖަމާޢަތްތަކާއި ކީރިތި ޤުރުއާނުގެ އަޑުން ޙަރަމްފުޅާއި މަގުތައް ގުގުމާލެވިފައި އޮންނަ އޮތުމުން މިއަހަރު މަހުރޫމްވުމަކީ ވަރަށްބޮޑު ފަޅުކަމެއް ކަމަށެވެ.
''(ކުރީގެ ރަމަޟާން މަސްތަކުގައި) ޙަރަމްފުޅުގައި އެކުރެވޭ ތަރާވީސް ނަމާދުތަކާއި ދަމު ނަމާދުތަކާއި ކީރިތި ޤުރުއާންގެ އަޑާއި ، މަގުތަކުގައި ވެސް އަބަދު ޤުރުއާން ޖަހާފައި އޮންނަނީ، އެންމެން ވެސް އަޅުކަމައިގެން މަސްއޫލްވެ އުޅެނީ'' ކުރީގެ ރަމަޟާން މަސްތަކުގެ ހަނދާންތައް އާކުރަމުން ޝައިޚް ވިދާޅުވިއެވެ. ހަމައެހެންމެ ، އެހެން އަހަރުތަކުގައި ރޯދަ ވީއްލާ ގަޑިއަށް އާއިލާތަކުން އެކީގައި ކާރުގައި އައިސް ފެނާއި ކަދުރުފަދަ ތަކެތި ބަހާކަމަށާއި އުފާވެރިކަން އިހްސާސްވާ އެމަންޒަރު މިއަހަރު ނުފެނުމާއި ޙަރަމްފުޅަށް ނުދެވުމުގެ ހިތްދަތިކަން މިއަހަރު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ވިދާޅުވީ ކުރީގެ ރޯދަ މަސްތަކުގައި ދިވެހި އުމްރާ ވެރީންނަށް ނަސޭޙަތްދިނުމާއި އެމީހުންނާއެކު މަދީނާއަށާއި ޤުބާ މިސްކިތާއި ތާއިފް ފަދަ ތަންތަނަށް ހޭދަ ކުރި ވަގުތުތަކުން މިއަހަރު މަޙުރޫމް ވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަޅު ކަމެއް ކަމަށެވެ.
މިއަހަރުގެ ރަމަޟާން މަސް ތަފާތު ޙާލަތެއްގައި ވުމާއި ގުޅިގެން ޝައިޚް ދެއްވި ނަސޭޙަތުގައި ވިދާޅުވީ ގޭގައި ތިބެގެން ވެސް މި މައްސަރުގެ ބަރަކާތް ޙާޞިލް ކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށާއި އެގޮތުން އާއިލާއެކީގައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުންފަދަ އަޅުކަމުގައި ވަގުތު ހޭދަ ކުރަންވާނެ ކަމަށެވެ. އަދި މިވަގުތުގައި ހިތްދަތި ޙާލުގައި ތިބެން ޖެހުނަސް އަޅަމެންގެ ވެރި އިލާހު ، ﷲ ތަޢާލާއާއި މެދު ހެޔޮކޮށް ވިސްނަން ޖެހޭ ކަމަށާއި އެކަމަކީ އެއިލާހުގެ ޙަޟްރަތުން ހެޔޮކަން ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.