ޚަބަރު

ޕާޓީތަކުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅެން- އީސީ ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެއްވެސް ސިޔާސީ ޕާޓީއެއްގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭ ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ޒާތީ ކަމެއް ވެސް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން އަަންނަނީ އިލްކްޝަންސް ކޮމިޝަނުން ވަކި ޕާޓީތަކަކަށް ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިކަމަށް އަލި އަޅުވާލައި، "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އީސީ ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ހެދިފައި އޮންނަ ގާނޫނުގެ ތެރެއިން ކަންކަން ކުރުމަށް ނަސޭހަތްތެރިވާއިރު، އެކަން ކަމަށް ގޮންޖައްސަވައި، ހެދިފައިވާ ގާނޫނުތަކާއި، އަންގާ އެންގުންތަކަށް ބޯނުލަނބާ ކަމަށްވާނަމަ ކޮންމެ ސިޔާސީ ޕާޓީއަކާ ދޭތެރޭ ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

އަދި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން އިލެކްޝަނުން އަންގާ އެންގުންތަކަށް ތަބާނުވެ ކަނޑައެޅިގެން ދިމާ އިދިކޮޅަށް ބައެއް ކަންކަން ކޮށްފައިވާ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިފަދަ މައްސަލަތަކަކާ ގުޅިގެން ތަފާތު އެތައް ފަހަރެއްގެ މަތިން އެފަރާތްތަކަށް ނަސޭހަތްތެރިވެ، އަދި ފިޔަވަޅު ވެސް އަޅާފައިވާނެ ކަމަށެވެ.

މިހާރު އެއްވެސް ޕާޓީއަކާއި ދޭތެރޭ ގާނޫނާއި ހިލާފުވެގެން ފިޔަވަޅު އަޅާއިރު، އެ ފިޔަވަޅެއް އަޅަންޖެހޭނީ ކަނޑައެޅިގެން ހެކި ހުރިކަމުގައި ވިޔަސް، އެޕާޓީއެއްގެ ފަރާތުން އެކަމަށް ލިޔުމުން އަންގައި، ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!