ޚަބަރު

މިއީ ވަކި ބައެއްގެ ރޭވުމެއްގެ މަތިން ހުށަހަޅާފައިވާ ހަގީގަތާ ޚިލާފު މައްސަލައެއް: އަކުރަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް އާއި ބެހޭގޮތުން ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ މަތިން ހުށަހަޅާފައިވާ ހަގީގަތާ ޚިލާފު މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަކުރަމް މިހެން ވިދާޅުވީ، އެމަނިކުފާނު ހުންނެވި މަގާމުން މިއަދު އިސްތިއުފާ ދެއްވަމުން ލިޔުއްވި ސިޓީގައެވެ.

އެސިޓީގައި އަކުރަމް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އަކުރަމް އެމަގާމުން ވަކިކުރަން ފެންނަކަމަށް ނިންމާފައިވާތީ، އިތުބާރުނެތި މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައި ނުގަންނަވާތީ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި އެމައްސަލައިގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" އެސިޓީގައި އަކުރަމް ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަމާއި ތަރުޖަމާނުކަން އަދި ނައިބު ރައީސްކަން ކުރައްވާފައިވާ އަކުރަމް އަބަދުވެސް ފާހަގަވެފައިވަނީ ނޫސްވެރިންނާ ވެސް ގާތް ގުޅުމެއް ބަހައްޓަވާ، ނޫސްވެރިން ކުރާ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. އިސްތިއުފާ ދެއްވިއިރު އީސީ ގައި އެމަނިކުފާނު ހަ އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!