ކޮވިޑް-19: ސައުތު ކޮރެޔާގެ ނައިޓް ކްލަބުތަކުން ކޮވިޑް-19 ފެތުރޭ މައްސަލަ ބޮޑުވަނީ
ސައުތު ކޮރެޔާގެ އެންމެ ބައިބޯ ސިޓީކަމުގައިވާ ސޯލްގައި ނައިޓް ކްލަބްތަކަށް ދާ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރޭ މިންވަރު މަތިވަމުން އަންނާތީ، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެގައުމުގައި އޮތް ގައިދުރުކުރުމުގެ އަމުރަށް ލުޔެއްދީ، މީހުން ހަރަކާތްތެރިވެ އުޅެން ފެށިފަހުން ވެސް، ކޮވިޑް19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ މަދުވަމުންނެވެ. ނަމަވެސް މިހާރު ކުއްލިއަކަށް ބަލިޖެހޭ މީހުން ދަނީ ގިނަ ވަމުންނެވެ. މިދިޔަ 24 ގަޑި އިރުގެ ތެރޭގައި 13 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު، މިދިޔަ ފަސް ދުވަހު ވެސް މި އަދަދު ހުރީ 10 އިން ދަށުގައެވެ.
ސައުތު ކޮރެޔާގެ ވައިސް ހެލްތު މިނިސްޓަރ ކިމް ގެންގް-ލިޕް ހާމަ ކުރި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 13 މީހުންނަކީ ނައިޓް ކްލަބުތަކަށްދާ، އުމުރުން 29 އަހަރުގެ ޒުވާނަކާ ގުޅުން އޮންނަ މީހުންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތަށް ބަލާއިރު މި ޒުވާނާގެ ފަރާތުން 1،500 އެއްހާ މީހުންނަށް ބަލި ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ހެލްތު މިނިސްޓަރގެ ނައިބާއި ހަވާލާދީ މީޑިޔާ ރިޕޯޓްކޮށްފައިވެއެވެ.
ސައުތުކޮރެޔާއިން އާންމުންނަށް ލުއި ދީފައިވަނީ އޭޕްރީލް މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި ހިފެހެއްޓިފައި ހުރުމުންނެވެ.