ބޮލީވުޑް މުނިފޫހިފިލުވުން

ޕްރަބޫދޭވާ އޭނަގެ ފިޒިއޯތެރަޕިސްޓާ ސިއްރުން ކައިވެނި ކޮށްފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ކޮރިއޯގްރަފަރ ޕްރަބޫ ދޭވާ، އޭނަގެ ފިޒިއޯތެރެޕިސްޓާ ސިއްރުން ކައިވެނި ކޮށްފިއެވެ.

Ads by MWSC

ރިޕޯޓުތަކުން ބުނާގޮތުގައި ޕްރަބޫ ކައިވެނި ކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހު، މުމްބައިގައި ހުންނަ އެމީހުންގެ ގޭގައެވެ. މިކައިވެންޏަށް ދައުވަތު ދީފައި ވަނީ ވަރަށް މަދު ބަޔަކަށް ކަމަށާއި، ޕްރަބޫދޭވާ ކައިވެނި ކޮށްފިކަން ގިނަ މީހުންނަށް އެނގުނީ އަންހެނުންނާއެކު މިދިޔަ ހަފްތާގައި ޗެންނައި އަށް ބަދަލުވުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޕްރަބޫދޭވާއާ ބެހޭގޮތުން ދާދިފަހުން އިންޑިއާގައި ވަނީ ވަރަށް ތަފާތު ވާހަކައެއް ވެސް ފެތުރިފައެވެ. އެގޮތުން ބައެއް މީހުން ބުނީ އޭނާ އުޅުނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާއި ކައިވެނި ކުރަން ކަމަށެވެ.

ނަމަވެސް އޭނާގެ އާއިލާއިން މިމަހުވަނީ މިވާހަކަތައް ދޮގު ކޮށްފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ޕްރަބޫ އޭނަގެ ފިޒިއޯތެރަޕިސްޓާ ކައިވެނި ކޮށްފި ކަމަށާއި އެދެމަފިރިން ޗެންނާއީއަށް ބަދަލު ވެއްޖެކަމަށް ވެސް އާއިލާއިން ވަނީ މިތުހުމަތުތަކާ ގުޅިގެން ހާމަ ކޮށްފައެވެ.

ޕްރަބޫ ވަނީ މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައެވެ. ރަމްލަތާ ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށް ތިން ކުދިން ލިބުނުއިރު، އެދެމީހުންގެ ދޮށީ ދަރި ވަނީ 2008 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފައެވެ.

އެދެމީހުންގެ ކައިވެނި ރޫޅުނީ ޕްރަބޫދޭވާ އެއިރު އެކްޓްރެސް ނަޔަންތަރާއާ ލޯބީގެ ގޮތުން ގުޅުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. ކައިވެނި ސަލާމަތް ކުރެވޭތީ ރަމްލަތާ މަސައްކަތް ކުރުމުން ވެސް ނަޔަންތަރާއާ ގުޅެން ބޭނުންވެފައި ހުރި ވަރުން އޭނާ ކައިވެނި ރޫޅާލީކަން ވެސް ހާމަވެފައިވެއެވެ.

ނަޔަންތަރާ އާއެކު ލޯބީގެ ގޮތުން އަހަރުތަކެއް ވަންދެން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރަން ތައްޔާރުވުމަށްފަހު، އެގުޅުން ވެސް ވަނީ ކެނޑިފައިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޕްރަބޫދޭވާ އެންމެ މަޝްހޫރުވެފައިވަނީ 90ގެ އަހަރުތަކުގައި ނަގްމާ އާއެކު ކުޅުނު ފިލްމެއްގެ "މުގާބަލާ" ލަވައިންނެވެ. އޭނާ ދާދި ފަހުން ވަނީ ރެމީ ޑިސޫޒާ އާއެކު "ސްޓްރީޓް ޑާންސަރ 3ޑީ" އުފައްދާ، "މުގާބަލާ" ލަވައިގެ ރީމިކްސް އެއް ވެސް އުފައްދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!