ދުނިޔެ

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ-ޗައިނާގެ ގުޅުން ހީނަރުވެ، ޖީލަކަށް މިކަން ދެމިގެން ހިނގައިދާނެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގައި ޗައިނާ އަދި އެމެރިކާއިން ވެސް އެތައް ފުރާނައެއް ގެއްލި، ގިނަ އާއިލާތަކެއް ހިތާމައިގައި ފަތަންޖެހި، އެތައް ވިޔަފާރިތަކެއް ވަނީ ބަނގުރޫޓު ވެފައެވެ. ނަމަވެސް ދެ ގައުމުން އެކުގައި މަސައްކަތްކޮށް މިކަމުން އަރައިގަނެ ގައުމުތައް އާރާސްތު ކުރަން މަސައްކަތްކުރުމުގެ ބަދަލުގައި މި ފެންނަނީ، އެއް ގައުމުން އަނެއް ގައުމު ކުށްވެރިކޮށް، ސާބިތު ނުހިފޭ ތުހުމަތުތައް ކޮށް، ބަދަލު ހިފަން އުޅޭތަނެވެ.

Ads by Sosun Fihaara

ބައިނަލް އަގްވާމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން މި ހުރީ ޖީލަކުން ވެސް ސުލްހަ ނުވެވޭ ވަރަށް ގޯސްވެފައި ކަމަށެވެ.

ކޮރޯނާ ވައިރަހަކީ، ޗައިނާއިން އެގައުމުގެ ލެބޯޓަރީއެއްގައި އުފެއްދި ވައިރަހެއް ކަމަށް ނުވަތަ ޗައިނާގެ އިހުމާލުން މުޅި ދުނިޔެއަށް މި ވައިރަސް ފެތުރުނު ކަމަށް ގިނަ ގައުމު ތަކަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި މިކަމާ ގުޅުވައިގެން ޗައިނާއަށް ނަފްރަތުގެ އެކި ބަސްތައް ރައްދު ކުރަމުންދެއެވެ. މިކަމުގައި ވެސް އެންމެ ކުރީގައި އުޅެނީވެސް އެމެރިކާއެވެ.

ނަމަވެސް ޗައިނާއިން ވަރަށް ސާފުކޮށް ބުނެފައި ވަނީ، އެގޮތަށް ދެކެވޭ ސާބިތު ނުހިފޭ ތުހުމަތު ތަކާ، ހަގީގަތެއްނެތް ވާހަކަ ތަކަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާ ކަމަށާ، އަމުދުން އެމެރިކާގެ ވާހަކައަށް އެއްވެސް ޖަވާބެއް ދޭން ބޭނުން ނޫން ކަމަށެވެ.
ހަމަ މިގޮތަށް ޗައިނާއަށް ކޮރޯނާވައިރަސް ގެނައީ އެމެރިކާގެ އަސްކަރިއްޔާ އިން ކަމަށް ތުހުމަތުކޮށް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވަރަށް ފާޅުކޮށް ވާހަކަ ދައްކާފައިވެއެވެ. އަދި މި ވާހަކައަށް ޖަވާބުދާރީ ވުމުގެ ގޮތުން ރައީސް ޓްރަމްޕް ވަނީ މި ވާހަކަ ދޮގު ކޮށްފައެވެ.

މީޑިޔާއަށް މައުލޫމާތުދޭން ވައިޓްހައުސްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރަމްޕް ބުނީ އޭނާގެ ވެރިކަމެއްގައި އެމެރިކާގެ އަސްކަރިއްޔާ އިން އެފަދަ ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ޓްރަމްޕް ގެ އަނެއް ތުހުމަތަކީ، ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ޗައިނާއިން ގައުމު ތަކަށް ދީފާ ނުވާ ކަމަށާ، މި ބަލީގައި ޗައިނާއިން މަރުވި މީހުންގެ އަދަދު އެގައުމުން ސިއްރުކޮށްފައިވާ ކަމުގެ ތުހުމަތެކެވެ. މިވަރުން ނިންމާނުލާ، ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ލިބުނު ގެއްލުމުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވާ ޗައިނާ މި ކަމަށް ޒިންމާދާރުކުރަން ޓްރަމްޕް ހުރީ އަތުކުރި އޮޅާލައިގެނެވެ.
ނަމަވެސް ޗައިނާއިން ވެސް އަންނަނީ، އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ ވުހާން އިން ކަމާމެދު ޝައްކު އުފައްދަމުންނެވެ. ނަމަވެސް ވައިރަސް ފުރަތަމަ ފެނުނު ތަނެއްކަމަށް ވަކި ތަނެއް ހާމައެއް ނުކުރެއެވެ.

އެމެރިކާއިން މި ވައިރަސް އެންމެ ފުރަތަމަ ރިޕޯޓް ކުރީ، ވުހާން އަށް ގޮސް އެނބުރި ވޮޝިންގޓަން އަށް ދިޔަ މީހެއްގެ ފަރާތުން ޖެނުއަރީ މަހުގެ ފަހު ކޮޅުއެވެ.
މި ހުރިހާ ކަމަކާ ގުޅިގެން މި ދެގައުމުގެ ދެމުދުގައިވާ ގުޅުން ހީނަރުވެފައި މިހާރު އޮތީ 1972 ގައި، އެމެރިކާގެ ރައީސް ރިޗަޑް ނިކްސަންގެ ދުވަސްވަރުވެސް ނުދާހާ ދަށުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!