ޚަބަރު

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ އަންނަ މަހު 12ގައި

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވަން ޖެހޭ ޕްރައިމަރީ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެ ޕާޓީންވަނީ ކައުންސިލްތަކަށް އިންތިޚާބުކުރަން ޖެހޭ މަގާމުތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލުމަށްވެސް އެޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް އެއް މަގާމަކަށް ވާދަކުރަން މީހުން ކުރިމަތިލައިފިނަމަ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލާ މީހުންނަށް ޕާޓީގެ ޓިކެޓެއްގައި ވާދައެއް ނުކުރެވޭނެއެވެ.

އަންނަ އޭޕްރީ މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓަށް އެދުމުގެ ފުރުސަތު އެމްޑީޕީ އާއި ޕީޕީއެމް އާއި އަދާލަތު ޕާޓީންވެސް ވަނީ ހުޅުވާލާފައެވެ.

ކައުންސިލް އިންތިޚާބުގައި މިފަހަރު ހަތަރު ސިޓީއަކަށް މޭޔަރުންނާއި ސިޓީ ކައުންސިލް މެމްބަރުން އިންތިޚާބުކުރަންޖެހެއެވެ. ކުރިއާ ޚިލާފަށް ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް މި ފަހަރު އިންތިޚާބުކުރާނީ އާއްމުންގެ ވޯޓުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!