އިނގިރޭސިވިލާތަށް އެތެރެވާމީހުން ދެހަފްތާގެ ކަރަންޓީނަށް، ކަރަންޓީނު ގަވާއިދާ ޚިލާފްވާނަމަ 1000 ޕައުންޑުން ޖޫރިމަނާ
އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ ލޮކްޑައުން އަށް ލުއި ދެމުން ގޮސް އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަދޭން، ބޮރިސްގެ ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މި ކަމާގުޅޭ ހުރިހާ ތަފްސީލެއް މިއަދުގެ ވަގުތެއްގައި ހާމަ ކުރަން ހަމަ ޖެހިފައިވީނަމަވެސް، މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގެ ތެރޭގައި، ބޭރުން އެތެރެވާ ކޮންމެ މީހަކު 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހޭނެކަން ވަނީ ލާޒިމް ކޮށްފައެވެ. ނަމަވެސް މި މީހުންގެ ތެރޭގައި، އަޔަރލެންޑް، އައިލް އޮފް މޭން އަދި ޗެނަލް އައިލެންޑުން ދަތުރުކުރާ މީހުން ނުހިމެނޭނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް އެކި ޓީމުތަކުން ގޭގެއަށް ގޮސް ޗެކްކުރުމާއި ކަރަންޓީނުގެ ޤަވާޢިދާ ޚިލާފުވާ މީހުންނަށް 1000 ޕައުންޑްގެ ޖޫރިމަނާއެއް ހަމަޖެއްސިއިރު ކުރިން އެކަން ނުކުރީ ކީއްވެގެންތޯ ބުނެ މީހުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ. އެގޮތުން އޭޕްރިލް މަސްތެރޭގައި، ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތައް ކަމަށްވާ ޗައިނާ އަދި އެމެރިކާއިން އައި 15 ހާހެއްހާ މީހުން ސްކްރީން ކުރުމެއްނެތި އެތެރެވެ، ކަރަންޓީނު ކުރުމެއް ނެތި ދޫކޮށްލާފައި ވުމުން، އެކަމާ ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ.
މަޝްހޫރު ޖާނަލިސްޓް ޕިއަރސް މޯގަންގެ ޓްވީޓްގައި ވަނީ، " 3 މަސް ކުރިން ޑަބްލިއު. އެޗް. އޯ އިން މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ކޮރޯނާވައިރަސް ފެތުރެމުންދާ ގައުމު ތަކުން އެތައް ހާސް މީހުން ޗެކް ކުރުމެއްނެތި އެތެރެވެ، ގައުމުން ބަލިޖެހިފައިވާ 55 ހާސް މީހުން މަރުވީމާ މިހާރު މި ފިޔަވަޅު އެޅުން މިއީ ޖޯކެއް" ކަމަށް ބުނެފައެވެ. މޯގަންގެ ޓްވީޓް ގައި މިހެން ބުނި ނަމަވެސް އިނގިރޭސިވިލާތުން ކޮވިޑް-19 ގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ 31 ހާސް މީހުންނެވެ.
ސަރުކާރުން އާންމުންނަށް ލުއިދޭން ނިންމާފައިވާއިރު އާންމު ދިރިއުޅުމުގެ ބައެއް ކަންކަމަށް އާންމުން ޢަމަލު ކުރުމަށް ހިތްވަރު ދީފައިވެއެވެ. އެގޮތުން ބައިސްކަލުގައި ވަޒީފާއަށް ދެވެން ހުރި ފަރާތްތަކުން ބައިސްކަލުގައި ދިއުމާއި، އޮފީސްތަކުން މުވައްޒަފުންނަށް ފޭސް ޝީލްޑް ފޯރުކޮށްދިނުން ހިމެނެއެވެ.
ލުއިތަކުގެ ދަށުން އިންގްލެންޑް ގެ ސްކޫލްތައް ޖޫންމަހު ހުޅުވުމަށް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް ވޭލްސްގެ ސްކޫލުތައް ހުޅުވުން ފަސްކުރާނެ ކަމަށް، އެތަނުގެ ފަސްޓް މިނިސްޓަރ ވަނީ ހާމަ ކޮށްފައެވެ.