މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފި

މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީޙުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމްއެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން މިއަދު ބޭއްވި ޖަލްސާގައި ވަނީ މަލީހަށް އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ފާސްކޮށްފައެވެ.
މަލީހު ވަކިކުރުމަށް މެންބަރު މީކާއިލް ހުށަހެޅުއްވި މިމައްސަލައިގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާޢަތު ފުރިހަމައަށް ރެގިއުލޭޓުކޮށް ފުރިހަމައަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްވާއިރު، އެޤަވާއިދުތައް ނުހެދި ލަސްވެގެން ދިޔުމަކީ ދިވެހި ދައުލަތަށާއި އެތަކެއް ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިވާ ކަމަކަށްވީ ހިނދު، އެޤަވާއިދުތައް ހެދުމަށް ޓެލެކޮމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށެވެ. އަދި މިނިސްޓަރ މަލީޙު އެކަމަށް ހުރަސް އަޅުއްވާފައިވާކަމަށް ވެސް މީކައިލް ވަނީ ފާހަގަ ކުރައްވާފައެވެ.