ބޮލީވުޑް މުނިފޫހިފިލުވުން

ކިޑްނީ ފެއިލް ވެގެން އެކްޓްރެސް ލީނާ މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގައި ގިނަ ޑްރާމާތަކެއްގައި ހަރަކާތްތެރި ވެފައިވާ މަޝްހޫރު އެކްޓްރެސް ލީނާ އަޗާރްޔާ މަރުވެއްޖެއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ލީނާ މަރުވީ، ކިޑްނީ ފެއިލް ވެގެން، މިދިޔަ ހޮނިހިރު ދުވަހުގައެވެ.

"ސާވްދާން އިންޑިއާ" އާއި "ކްލާސް 2020"، "ސޭތް ޖީ"، "އާޕް ކޭ އާޖާނޭ ސޭ"، "މޭރީ ހާނީކާރަކް ބީވީ"، "ޕަރްދޭސް މޭ ހޭ މޭރާ ދިލް"ފަދަ ކާމިޔާބު ޑްރާމާ ތަކެއްގެ އިތުރުން، ލީނާއަށް ދެން އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ ގިނަ ބަޔަކު ބަލަމުންދާ ސީރީޒް، "ކްރައިމް ޕެޓްރޯލް" އިންނެވެ.

ލީނާ އާއެކު "ސޭތު ޖީ" ގައި ހަރަކާތްތެރިވި ވޯރްޝިޕް ކައްނާ ބުނި ގޮތުގައި، ކިޑްނީ މައްސަލަތަކެއް ދިމާވެގެން ލީނާ ފަރުވާ ހޯދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

"ޓައިމްސް އޮފް އިންޑިއާ" އަށް މައުލޫމާތު ދެމުން ވޯރްޝިޕް ބުނީ، ކިޑްނީ ފެއިލް ވެގެން އެކަމަށް ލީނާ ބޭސް ކުރާތާ މިހާރު ދޮޅު އަހަރު ވެފައިވާ ކަމަށާއި، ލީނާގެ މަންމަ އޭނައަށް ކުރިން އެއް ކިޑްނީ ހަދިޔާ ވެސް ކުރި ކަމަށެވެ. ނަމަވެސް ލީނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވީ ކަމަށް ވެސް އޭނަ ބުނެފައިވެއެވެ.

ލީނާ މަރުވުމުން ގިނަ އަދަދެއްގެ އެކްޓަރުން ވަނީ އެކަމާ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!