ކޮވިޑް-19: އޮކްސްފޯޑްގެ ވެކްސިނުން ބަލިން ރައްކާތެރިކޮށްދެނީ 70% އަށް ކަމަށް ދައްކައިފި!

މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރާ އަސްޓްރާ ޒެނެކާ ވެކްސިނުން ރައްކާތެރި ކޮށްދެނީ އެންމެ 70% މީހުންނަށް ކަމަށް ދައްކައިފިއެވެ.
ގިނަ ބަޔަކު ފޮނި އުންމީދުތަކެއް ކުރި އޮކްސްފޯޑްގެ ވެކްސިނުން ރައްކާތެރި ކޮށްދެނީ މިހާ ކުޑަ މިންވަރަކަށް ކަމަށް ދެއްކުމުން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް މިކަމާ މާޔޫސް ވެފައެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނާ އެންމެ ކައިރިން ވާދަކުރި ފައިޒާ އާއި މޮޑަރނާ ވެކްސިނުން 95% މީހުން ރައްކާތެރި ކޮށްދޭނެ ކަމަށް ވަނީ ދައްކާފައެވެ.
ނަމަވެސް އޮކްސްފޯޑްގެ ވެކްސިން އެހެން ވެކްސިންތަކަށް ވުރެ އަގުހެޔޮ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންކަމުން ކޮވިޑް-19 އާއި ހަނގުރާމަ ކުރުމުގައި އޮކްސްފޯޑުން ތައްޔާރު ކޮށްފައިވާ ވެކްސިން މުހިންމު ރޯލެއް އަދާކުރާނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިވެކްސިން ލިބޭނެ ގޮތް ވެސް ހަމަޖެހޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުން މިހާރުވެސް ވަނީ 100 މިލިއަން ވެކްސިން އޮކްސްފޯޑް ޔުނިވާސިޓީން ޕްރީ އޯޑަރ ކޮށްފައެވެ. މިއީ 50 މިލިއަން މީހުން ބަލިން ރައްކާތެރި ކޮށްދޭނެ އަދަދެއްކަމަށް އޮކްސްފޯޑުން ލަފާކޮށްފައިވެއެވެ.
އެޤައުމުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ބުނީ އޮކްސްފޯޑްގެ ވެކްސިން ކާމިޔާބުވުމަކީ ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަދިވެސް އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށް ބޮރިސް ބުނެފައިވެއެވެ.
