ޚަބަރު

ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ޢަމާޒުކޮށް އިޝާރާތުން ވާހަކަ ކިޔައިދޭ ފޮތް މަޢުރަޒެއް ބާއްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން އިންތިޒާމް ކޮށްގެން މިއަހަރު ޑިސެމްބަރު 1 އިން 10 އަށް ބާއްވާ އޮންލައިން ފޮތް މަޢުރަޒުގައި އެކި ޢުމުރު ފުރާތަކަށް އަމާޒުކޮށް ޙަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުން އެބަދެއެވެ.

Ads by MWSC

މިމަޢުރަޒުގެ މައިގަނޑު އެއްމަޤްޞަދަކީ ފޮތް ވިއްކުމުގެ އިތުރުން ކިޔުންތެރިކަން ކުރިއަރުވާ މިސަގާފަތް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެކި ޢުމުރުފުރާތަކަށް ޢަމާޒުކޮށް ޙަރަކާތްތަކެއް ވެސް ހިންގުމެވެ.

އެގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ވާހަކަ ކިޔައިދިނުމާއި، ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް އިޝާރާތުން ވާހަކަ ކިޔައިދިނުމާއި، ފޮތަކާބެހޭގޮތުން ވާހަކަދެއްކުން ނުވަތަ ބުކްޓޯކް، ފޮތްކިޔުމުގެ މުހިއްމު ކަމާބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަން، އަދި އިންފޮރމޭޝަން ލިޓްރަސީ އާބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަނެއްވެސް އޮންނާނެއެވެ. މީގެ އިތުރުން 2 މުބާރާތެއްގެ ގޮތުގައި ބުކްރިވިއު ލިޔުމާއި ސަމަރީ ލިޔުމުގެ މުބާރާތްވެސް އޮންނާނެ ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިމަޢުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ، ޢިލްމު ފެތުރުމަށާއި އަދި މަޢުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޜުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ލިޔުންތެރިންނާއި ޝާއިޢުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލައިގެން ފޮތް މަޢުރަޒެއް ހިންގުން ކަމުގައި އިސްލާމިކް ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

ކިޔުންތެރިކަމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، މިސަޤާފަތް ދެމެހެއްޓުމަށާއި އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމާއި އަދި ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިމަޢުރަޒުގައި ފަހިކޮށްދޭނެއެވެ.

އިސްލާމިކް ޔުނިވާސިޓީން އެދެނީ ގިނަ ފަރާތްތަކުން މިމަޢުރަޒުން މަންފާ ހޯދުމަށާއި އަދި މިޙަރަކާތްތަކުގައި ބައިވެރިވުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!