ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުންނަމަ މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް މިރޭ އެޗްޕީއޭއިން އާއްމު ކުރި އެންގުމެއްގައި ބުނެފައި ވަނީ އާއްމުތަންތަނަށް ނިކުންނަނަމަ މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިން ފިޔަވައި އެހެން މީހުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށް ވެސް ލިޔުމުގައި ވެއެވެ.
"ފޮތި މާސްކް ފަހާނަމަ ޑަބަލް ލޭޔަރު މާސްކް ފެހުން ރަނގަޅުވާނެއެވެ. އަދި ކޮންމެ މީހަކަށް 1 މާސްކަށް ވުރެ ގިނައިން ގެންގުޅޭށެވެ. ހަޑިވުމުން މާސްކް ބަދަލުކުރަންވާނެއެވެ." ލިޔުމުގައި ވެއެވެ.
ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ލަންބާލުމަށްފަހު އުޅަނބޮށީގެ އެތެރެފަރާތުން އަނގައާއި ނޭފަތް ނިވާކުރުމާއި އަދި ބަލިމީހާ އާއި ބަލިމީހާގެ އެހީތެރިޔާވެސް މާސްކް އަޅައިގެން އުޅެން ވެސް ލިޔުމުގައި އަންގާފައި ވެއެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ނުކުރުމަށާއި ދޭދޭ މީހުން ދެމެދުގައި އެއް ފޫޓަށްވުރެ ކުރުނޫން ދުރުމިން ބެހެއްޓުމަށް އާދަކުރުމަށެވެ.
މީގެ އިތުރުން އެކަކު އަނެކަކާއި ބައްދަލުވާއިރު އަތާ އަތްޖޯޑުކޮށް ސަލާންކުރުންފަދަ ކަންކަން ނުކުރުމަށާއި މިގޮތުން އައްސަލާމް ޢަލައިކުމް ބުނެ ސަލާން ގޮވާލުން އަދި ވައަލައިކުމުއް ސަލާންބުނެ ޖަވާބުދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.