ޚަބަރު

އައިއޭސީގެ "ލޯތްބާއެކު2020" ކެމްޕޭން މެދުވެރިކޮށް ، ދީލަތި ދިވެހިން އެތައް މުސްލިމުންނަކަށް ހިނިތުންވުން ގެނެސްދީފި

ދެން އެމްވީ ، ދެން އޮންލައިން

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރުޙީބެއް ލިބި ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައި ވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭންގެ ޒަރީޢާއިން ދައްކުވައިދީފިއެވެ.

Ads by Sosun Fihaara

އައިއޭސީއިން ކޮންމެ ރޯދަމަހަކު ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ، މިއަހަރު ހިންގި "ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން" ކުރިޔަށް ގެންދަނީ ހަސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ 6 ޤައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދީފައި ވެއެވެ. މިއަހަރުގެ ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީނަށެވެ.

އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ލޯތްބާއިއެކު 2020 ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ގެންގޮސްފައިވަނީ ރޯދަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން އޭގެ ފަހުން ވެސް ކުރިޔަށްދާނެ ކަން އައިއޭސީއިން ހާމަކުރެއެވެ. ލޯތްބާއިއެކު 2020 ކެމްޕޭން ހަރޯދައިގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ނިންމާފައިވެއެވެ.

މިއަހަރުގެ ކެމްޕޭނަށް ރޯދަ މަހުގެ ހިނގަމުން މިދާ ފަހު ދިހައިގައި އެކަނި ވެސް 2.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މަތިވެރި އެހީ ފާހަގަ ކުރަމުން އައިއޭސީން ބުނީ މި ކެމްޕޭނުން އެހީ ލިބުނު ފަރާތްތަކުގެ ޝުކުރާއި ހެޔޮ ދުޢާ ކެމްޕޭނަށް އެކި ގޮތްގޮތުން އެހީވެދެއްވި ފަރާތްތަކަށް ރައްދުކުރާ ކަމަށެވެ. މީގެއިތުރުން މި ކެމްޕޭނުގެ ޒަރީޢާއިން އެހީ ލިބުނު ފަރާތްތަކުގެ ހިނިތުންވުމުން ލިބުނު އުފާވެރިކަމަކީ އަގުނުކުރެވޭ ވަރުގެ ކަމެއްގެ ގޮތުގައި އައިއޭސީއިން ސިފަކުރެއެވެ.


ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމްލަ 3.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އައިއޭސީގެ މި ކެމްޕޭން ކުރިޔަށްގެންދިޔަ ހަސަރަހައްދުގައި ހިމެނޭ ހަތަރު މީހުންނާއި ހަމީހުން ދިރިއުޅެމުންދާ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ވަނީ ހަދިޔާކޮށްދީފައެވެ.


އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަންނަނީ ލޯތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އައިއޭސީގެފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/)ގައި ހިއްސާކުރަމުންނެވެ. އައިއޭސީގެ މި ކެމްޕޭނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުން ފުޅުވާ ފަރާތްތަކުން މި ޕޭޖާއި އެ ޖަމްއިއްޔާގެ ހޮޓްލައިން ނަމްބަރު 9122121 މެދުވެރިކޮށް ހޯއްދެވޭނެއެވެ.


މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ. ލޯތްބާއިއެކު 2020 ކެމްޕޭން މެދުވެރިކޮށް ހަމީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް 60 ޑޮލަރަށް ދެވޭނެ އިންތިޒާމް އެ ޖަމްޢިއްޔާއިން ވަނީ ހަމަޖައްސާފައެވެ. އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރަކީ 7770000026259 އެވެ.


ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ. ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރުން، ފިތުރު ޢީދުގެ މުނާސަބަތާއި ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!