ހައިކޯޓުގެ އިސްގާޒީއަކަށް ހާތިފް ހިލްމީ

ދިވެހި ރާއްޖޭގެ ހައިކޯޓުގެ އިސްގާޒީ އަކަށް ހާތިފް ހިލްމީ އައްޔަން ކުރައްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ހާތިފްއާ ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ކަމަށެވެ.
ހައި ކޯޓުގެ ގާޒީއެއް ހޯދުމަށް ކުރި އިއުލާންގެ ދަށުން ކުރިމަތިލި ބޭފުޅުންނާ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ޖޭއެސްސީ އަށް ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ހާތިފް އިސް ގާޒީއަކަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ހާތިފް އެ މަގާމަށް އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު އުސްމާން އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައެވެ.