ޚަބަރު

ހިމަބިއްސަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓް ކުރަނީ

ރާއްޖެ އިން މުޅިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް ޝައްކު ކުރެވޭ މީހަކު ފެނުމާ ގުޅިގެން އެ ބަލި އޭނާގެ ގައިގައި ހުރިތޯ ޔަގީން ކުރުމަށް ޓެސްޓް ކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހިމަބިހި ނުވަތަ މީސްލްސް އަށް ޝައްކުވާ މީހާ ޓެސްޓުކޮށް، އެ ބަލި ހުރިތޯ ޔަގީން ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލެއް އެ އެޖެންސީ އިން ނުދެއެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވެވޭނީ ވެކްސިން ޖަހައިގެން ކަމަށްވާތީ، ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިން ޑޯޒުތައް ފުރިހަމަކުރަން ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަ ބިހި މުޅި ރާއްޖެއިން ނައްތާލުމަށް ރައީސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ފެށި މަސައްކަތް ކާމިޔާބު ކުރިއެވެ. އެ ބަލި ނައްތާލުމުގެ ގޮތުން ކެމްޕެއިންގެ ދަށުން އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށް ވެކްސިންދޭ ގޮތަށް ހަމަޖެއްސެވިއެވެ.

ހިމަ ބިއްސަކީ ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތެރި ބައެއްޔެވެ. އެއީ ގައިންގަޔަށް އަރާ އަދި ބާރު ސްޕީޑުގައި ފެތުރޭ ބައްޔެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!