ޚަބަރު

ރެސިޕީ: ބޭކްޑް ޗިކެން އެންޑް ޕޮޓޭޓޯ

ދެން އެމްވީ

ބޭނުންވާ ތަކެތި:

1400ގ ކުކުޅު (ކޮށާފައި)

ބައި ކިލޯ އަލުވި (ބޮޑެތިކޮށް ކޮށާފައި)

4 މޭޒުމަތީ ސަމްސާ އޮއިސްޓާ ސޯސް

4 މޭޒުމަތީ ސަމްސާ ބާބަކިއު ސޯސް

2 މޭޒުމަތީ ސަމްސާ ހަނާކުރި ހަވާދު

2 ފިޔާ

5 ފިއް ލޮނުމެދު

ހިކަނދިފަތް

50ގ ބަޓަރު

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމްސާ ސަންފްލާވާ އޮއިލް

ހަދާނެ ގޮތް:

ފުރަތަމަ ފިޔާ، ލޮނުމެދު އަދި ހިކަނދިފަތް މިސްކްޗަރުން މުގުރާލާށެވެ. އެއަށްފަހު ބޯތައްޓަކަށް އޮއިސްޓާ ސޯސް، ބާބަކިއު ސޯސް، ހަވާދު، ތެޔޮފޮދު، މުގުރި ފިޔާ ޕޭސްޓް އަދި ރަހަލާވަރުގެ ލޮނުކޮޅެއް އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. ތައްޔާރުކުރެވުނު ޕޭސްޓާއި އެކު ކުކުޅުކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުކޮޅު މެރިނޭޑް ކުރުމަށް 30 މިނެޓު ބަހައްޓާލާށެވެ. 30 މިނެޓު ފަހުން އުނދުން މައްޗަށް ތެލި އުދުމަށްފަހު 10ގ. ބަޓަރު އަޅައި، އޭގެތެރެއަށް މެރިނޭޑް ކުރި ކުކުޅުކޮޅު އަޅާލާށެވެ. އަދި މަތި ޖެހުމަށްފަހު މަޑު ގިނީގައި 10 މިނެޓު ކައްކާލާށެވެ. އެއަށްފަހު އަލުވިކޮޅު އަޅާ ކުކުޅުކޮޅާއި އެއްކޮށްލުމަށްފަހު، މަޑު ގިނީގައި މަތިޖަހައިގެން ކައްކާށެވެ. ކައްކަމުން ދާއިރު ފަސް މިނެޓުން، ފަސް މިނެޓުން ދޭފަތުން ހަލަމުން ގެންދާށެވެ (ފުލުގައި ހިފައިފާނެ ކަމަށް). ޖުމްލަ 20 މިނެޓު ކެއްކޭއިރު ކުކުޅުގެ 75 އިންސައްތަ ހުންނާނީ ރޯ ފިލާފައެވެ. އުނދުން ނިއްވައިލުމަށްފަހު އަވަން 250 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އެއަށްފަހު އަވަނުގެ ޓްރޭގައި ބަޓަރުކޮޅެއް ހޭކުމަށްފަހު، ތެލީގައިހުރި ކުކުޅާއި އަލުވިތައް އަޅާލާށެވެ. (ކެއްކި ތެލީގައި ހުރި ދިޔަފޮދު ވަކިން ތައްޓަކަށް ނަގާލާށެވެ.) ޓްރޭ އަށް އެޅި ކުކުޅުތަކުގެ މައްޗަށް ބާކީ ހުރި ބަޓަރުކޮޅު އެޅުމަށްފަހު އަވަނަށް ލައިގެން ފިހެލާށެވެ. ކުކުޅުތަކުގެ މަތި ހިކޭވަރަކަށް ތައްޓަށް ނެގި ދިޔަފޮދު ސަމްސަލަކުން އަޅަމުން ދާށެވެ. އަވަނުން ފިހާނީ 35 މިނެޓެވެ. އެއަށްފަހު ބޭކެޑް ޗިކަން އެންޑް ޕޮޓޭޓޯ ހުންނާނީ ތައްޔާރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!