ރައީސް ޔާމީންގެ ސަޕޯޓަރުންނާމެދު ފުލުހުން އަމަލުކުރި ގޮތް ފުލުހުން ބަލަންފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ދިޔަ ދެ މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސަލާމަތީ ގޮތުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، މޫދަށް ފުންމާލި 43 އަހަރުގެ އަންހެނަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރި ކަމަށާއި އަދި އެކަމަށް ފުލުހުންނަށް ހުރަސް އެޅި ބަޔަކު ދުރަށް ޖައްސާފައިވާނެ ކަމަށެވެ.
އަދި އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ ފުލުހުންގެ ތެރޭގައި އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މިހާލަތުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތް ބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
އަންހެނުންތަކެއް ދުރަށް ޖެއްސުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވާ މައްސަލައިގެ އިތުރުން ފިރިހެން ފުލުހުން ބައެއް އަންހެނުންނަށް ޖިންސީ ގޯނާ ވެސް ފުލުހުން ކުރިކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ބައެއް އަންހެނުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ވެސް ދީފައެވެ.