ޚަބަރު

އިތުރު ރަށް ރަށުގައި ވަރަށް އަވަހަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ރަށް ރަށުގައި ވަރަށް އަވަހަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ ޓެސްޓު ކުރެވޭ ނިސްބަތް 1000 އަށް ވުރެ ވެސް ގިނަ ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޖީން އެކްސްޕާޓް މެޝިނަށް ލެއްވޭ 25،000 ކާޓްރިޖް މި މަހުގެ ތެރޭގައި ލިބުމުން ޓެސްޓިން ކެޕޭސިޓީ އިތުރުވާނެ ކަމަށެވެ.

މީގެއިތުރުން ކޮވިޑް ޓެސްޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް ބޭނުންވާ މެޝިންތައް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މާގިނަ ދުވަސްތަކެއް ނުވެ މި ކާޓްރިޖްތައް ލިބުމާއެކު، ކުޅުދުއްފުށީ، އުނގޫފާރު، ގަން، ތިނަދޫ އަދި އައްޑޫގައި ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަލަށް މިހާރު ގެންނަ މެޝިންތަކަކީ އެއަށްވުރެ އޮޓޮމޭޓެޑް ޕްރޮސެސް އެއް ހުންނަ މެޝިންތަކެއް. އެހެންވީމަ އޭގެއިން ކޮންމެ މެޝިނަކުން ހެދޭ ސާމްޕަލްތައް އަދަދު އިތުރުވެ އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންގެ އަދަދު ވެސް މަދުވާނެ. 1000 އަށް ވުރެ ގިނަ ސާމްޕަލް ނެގެން ވާނެ މިހާރު ގެންނަންޖެހޭ މެޝިނަރީ ގެނެވުމާއެކީގައި" މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ދުވާލަކު ކުރެވެނީ 400 ޓެސްޓު ކަމަށްވާއިރު، ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށްްދަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބުގައެވެ.

އަދި މިހާރު ބޭނުން ކުރެވޭ މެޝިންތަކަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަންޖެހޭ އެއްޗެހި ކަމަށާއި އެގޮތުން ކޮންމެ މަރުހަލާއެއްގައި ވެސް ލެބް ޓެކްނީޝަނުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!