މުހިންމު މަސައްކަތްތަކެއް ކުރަން މަޖިލީހުގެ ދައުރު ދިގު ދަމާލަނީ

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ދިގު ދަމާލަން ނިންމައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ ދައުރު ދިގު ދަމާލަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިގޮތަށް ނިންމާފައި ވަނީ މުހިންމު މަސައްކަތްތަކެއް ކުރަން ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، މި ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަށް ދިގު ދަންމާލުމަށް ގަސްދުކުރައްވާ ކަމަށާއި އެގޮތުން އެކަމަށް މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމަށް ބަލާލާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ވަނީ ހިމެނިފައެވެ. ކޮންމެ މެމްބަރަކަށް ވެސް ރިޕޯޓަށް ބަހުސް ކުރެއްވުމަށް 7 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.
މީގެއިތުރުން، އިންތިގާލީ އިންސާފުގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް އެކުލަވާލާފައިވާ ކޮމިޓީ ރިޕޯޓުތަކަށް ބަހުސް ކުރުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.