ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ 9 ލައްކަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ރަނގަޅަށް: ހައިކޯޓު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅޭ ނުވަ ލައްކަ ރުފިޔާއެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

Ads by MWSC

ފިނިފެންމާ ލޯންޗްކޮޅުގައި އައިޑީއެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި އިސްހާގު ހުސައިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާއި ގުޅިގެން ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ނުވަ ލައްކަ ރުފިޔާ، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ރަނގަޅަށް ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންނެވި ފިނިފެންމާ ލޯންޗުކޮޅުގައި އައިޑީއެއް ގޮއްވާލި މައްސަލައިގައި އިސްހާގު ހުސައިން ދިރިއުޅެމުން ދިޔަ ގ.އޮއިވާލި ބަލާ ފާސްކޮށް ފުލުހުން ވަނީ ނުވަ ލައްކަ ރުފިޔާއާއި ބައެއް އެހެނިހެން ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުން މިމައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އިސްހާގު ހޯދުމަށް އެދި ކޯޓަށް ހުށަހެޅި ނުވަ ލައްކަ ރުފިޔާއާއި އެއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ތަކެތި ދޫކޮށްލުމުން ދައުލަތަށް އިތުރަށް ގެއްލުމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނާތީ، އެކަންތައްތަކަށް ރިއާޔަތް ކުރުމުން އެފައިސާ އާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ޝަރިއަތަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންކަމުން އެތަކެތި ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅުކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!