ކޮވިޑް-19 ގެ ބިރުވެރިކަން އިތުރުކުރަމުން ބާރުގަދަ ތޫފާނެއް ފިލިޕީންސް އަށް މިސްރާބު ޖަހާފައި
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޖްތިމާޢީ ގައިދުރުކަމާއެކު އުޅެން ޖެހިފައިވަނިކޮށް ބާރުގަދަ ތޫފާނެއް ފިލިޕީންސް އާ ދިމާލަކަށް މިސްރާބު ޖަހައިފިއެވެ.
ގަޑިއަކު 185 ކިލޯމީޓަރުގެ ބާރުވަޔާއެކު އަންނަ މި ތޫފާން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ، އެގައުމުގެ އުތުރުން 230 ކިލޯމީޓަރަށް ކައިރިވެފައި ހުއްޓައެވެ. މި ތޫފާނުން ރައްކާތެރިވުމަށް އެތައްހާސް މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އެކަކު އަނެކަކަށް ބަހައްޓަންވީ ގައިދުރުކަން ބެހެއްޓުމެވެ.
ފިލިޕީންސްގެ މޫސުމާބެހޭ އިދާރާއިން ހާމަ ކުރާ ގޮތުގައި، މި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގާފާނެކަމަށް ބެލެވޭތީ އެކަމަށް ރައްކާތެރިވުމަށް ވަނީ ގޮވާލާފައެވެ. ޖަޒީރާ ގައުމެއް ކަމަށްވާ ފިލިޕީންސްއަށް އަހަރަކު އެވްރެޖްކޮށް 20 ތޫފާން އަންނަ އާދެއެވެ. އަދި ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން މިއީ ވެސް ވަރަށް އާންމު ދެކަމެވެ.
މި ތޫފާން މި ވަގުތަށް އެހާ ނުރައްކާ މިވަނީ، މީހުން ރައްކާތެރިކުރުމަށް ލެވިފައިވާ ކޭމްޕްތަކުގައި ތޮއްޖެހުން އިތުރުވެ އޭގެ ސަބަބުން ކޮވިޑް-19 ފެތުރެން ފަށާފާނެ ކަމުގެ ބިރު ހީވެފައިވާތީއެވެ. އެހެން ކަމުން ބަލިމަޑުކަމާ، މޫސުމީ ކާރިސާތަކުން ރައްޔިތުން ރައްކާތެރިކުރުމަކީ މިވަގުތު ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
އައްސޭރިފަށުގައި ދިރިއުޅޭ 80 ހާހަށް ވުރެ ގިނަ މީހުން ބައިތިއްބަން އިތުރު ސްކޫލްތައް ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރެވެނުންނެވެ. ކުރިން މި އަދަދަށް މީހުން ބޭތިއްބުމަށް 10 ސްކޫލު ބޭނުންވާ ނަމަ މިހާރު 20 ސްކޫލް ބޭނުންވެއެވެ.
ތޫފާނުގެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭތީ ކަނޑުދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ އިންޒާރު ދެވިފައެވެ.