ޚަބަރު

ކުރިއަށް އޮތްތަނުގައި ފަތުރުވެރިން ރާއްޖެ އަންނާނީ ވެކްސިނޭޓް ކުރެވިގެން : ޑރ. މައުސޫމް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރިއަށް އޮތް ތަނުގައި ފަތުރުވެރިން ރާއްޖެ އަންނާނީ ވެކްސިނޭޓް ކުރެވިގެން ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޓުއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ސީއެންއެންގެ 'ކުއެސްޓް މީންސް ބިޒްނަސް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންނަ އަހަރު މިހިސާބުގައި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެކްސިނޭޓް ކުރެވިގެން އަންނަ ބައެއްގެ ގޮތުގައި ލާޒިމް ކުރައްވާނެތޯ ޕްރޮގްރާމުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށެވެ. ނަމަވެސް އުންމީދަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ވެސް ވެކްސިން ލިބިގެން ދިއުން ކަމަށާއި، ހަމަ އެގޮތަށް ރާއްޖެ އަންނަ ފަތުރުވެރިން ވެސް ވެކްސިނޭޓް ކުރެވިގެން އަންނަ ބަޔަކަށް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން ރައްކާތެރިކަން ޔަޤީން ކޮށްދޭ ކަމަށެވެ. ނަމަވެސް ޓެސްޓިން ރޫޓިން އަކީ ބަދަލު ވަމުންދާ އެއްޗެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ މިއަށްވުރެ އަވަސް މުއްދަތެއް ލިބި ލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ހުރި ނަމަވެސް ރާއްޖޭ އުފެދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ވެސް އެގްޒިޓް ސްކްރީނިންގް އިން ޕޮޒިޓިވް ވަނީ %0.23 މީހުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިހާތަނަށް ބޯޑަރު ހުޅުވިފަހުން ފަތުރުވެރިންގެ ތެރެއިން ސީރިއަސް ކޭސްއެއް ފެނިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިން ކުރިއަށް ވުރެ ގިނަ ދުވަހަށް މަޑު ކުރާ ކަމަށާއި، ކުރިމަގުގައި ވޯކް ވެކޭޝަން ފަދަ ކަންކަން އިތުރަށް ފަހިވެގެންދާ ގޮތަށް އިސްލާހުތަކެއް ވެސް އެބަގެންނަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!