ޚަބަރު

"ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހެެއްގެ ހާލު ސީރިއަސް ވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގދ، ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ފިހުނު އިތުރު މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

Ads by MWSC

މިހާދިސާ ހިނގާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 00:34 ހާއިރެވެ. ގޭސް ފުޅިއަކުން ގޭސް ލީކު ވެގެން ހިނގި މިހާދިސާގައި ހަތަރު މީހަކު ފިހިފައި ވެއެވެ، އެހަތަރު މީހުން ވެސް އެއިރު ވަނީ ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މި ހާދިސާގައި ފިހުނު 33 އަހަރުގެ މީހަކަށް މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.  އެމީހާގެ އާއިލާއާ ހަވާލާދީ އޮންލައިން ނޫސް "ގާފު" އިން ބުނެފައި ވަނީ އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުން ފިހިފައި ހުރި ތަންތަނުގެ ހަމުގެ އިންފެކްޝަން ހުރި ކަމަށައި އޭނާގެ ސިކުނޑި އާއި ފުއްޕާމޭގައި ވެސް އިންފެކްޝަން ހުރި އިރު ލޭ ހަރުވެ ލޭ ދައުރުވުމުގެ ދަތިކަން ހުރި ކަމަށް ޑޮކްޓަރާއި ހަވާލާދީ "ގާފު" ގައި ބުނެފައި ވެއެވެ.

މި ހާދިސާގައި ފިހުނު އެކަކު ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހެނދުނު 8:35ގައި އޭނާ ނިޔާވެފައިވާ ކަމަށެވެ. މިހާދިސާގެ ސަބަބުން އިއްޔެ ނިޔާވި މީހާގެ ހަށިގަނޑުގެ 60% އަށްވުރެ ބޮޑު ބައެއް އެއިރު ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!