ދުނިޔެ

މާސްކް އަޅައިގެން ދުވަން ނުދާތި!ފުރާނައަށް ނުރައްކާ ހުރި ކަމެއް

ކޮވިޑް-19 ގެ ސަބަބުން ބޭރަށް ނިކުންނަ ކޮންމެ ވަގުތަކު މާސްކް އެޅުމަކީ ގިނަ މީހުނަށް އާދައަކަށް ވެފައި އޮންނަ ކަމެކެވެ. އަދި ގެތަކުގައި ތާށިވެ އެއްވެސް ކަސްރަތެއް ނުކޮށް ތިބުންވެސް މިއީ ގިނަބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެން ވިއްޔާ ހައްލަކީ މާސްކް އަޅައިގެން ކައިރި ޕާކްތަކަށް ދުވަން ދިއުން ހެއްޔެވެ؟ ނޫނެކެވެ. އެއްވެސް ހާލެއްގައި މާސްކް އަޅައިގެން ދުވަން ދިއުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މި މޭމަހުގެ 7 ވަނަ މާސްކް އަޅައިގެން ދުވަން ދިޔަ ވުހާންގެ މީހެއްގެ ފުރާނަ ސަލާމަތް ވެފައި ވަނީ ހަމަ ކިރިޔާއެވެ. 26 އަހަރުގެ މާސްކް އަޅައިގެން ދުވަން ފެށުމާއެކުވެސް ނޭވާ ލުމުގައި އުނދަގުލެއް ހުރިކަން ފާހަގަ ކުރެވުނެވެ. ނަމަވެސް މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދުވަމުން ދިޔައެވެ. ގިނަ ދުވަސްކޮށްފައި ދުވަން ދެވުމުން ކުރިން ދުވި 3 ކިލޯމީޓަރުގެ ބަދަލުގައި 6 ކިލޯމީޓަރަށް ދުވިއެވެ. ނަމަވެސް ގެއަށް އައި ފަހުން މާގަދަ އަށް މޭގައި ރިއްސުމުން އާއިލާގެ މީހުންވަނީ އޭނާގެ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ.

ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އެނގުނީ އޭނާގެ ފުއްޕާ މޭ "ކޮލެޕްސް" ވެފައިވާ ކަމަށެވެ. މިހެން ދިމާވީ މާސްކް އަޅާފައިވުމުން ފުއްޕާމެޔަށް ބޭނުން ވަރަށް އޮކްސިޖަން ނުލިބޭތީ ފުއްޕާމޭ އާންމުކޮށް ކުރާ ވަރަށް ވުރެ އިތުރަށް ކުރަން ޖެހުމުންނެވެ. މިމީހާ ގެންދިޔަ ހޮސްޕިޓަލްގެ ފަރާތުން ޑރ. ޗެން ބޯޖުން ހާމަ ކުރި ގޮތުގައި، ފުއްޕާމޭގެ މައްސަލަ ނޫނީ އެހެންވެސް ސިއްހީ މައްސަލައެއް ހުންނަނަމަ މިގޮތަށް މާސްކް އަޅައިގެން ދުވެ ކަސްރަތު ކުރުމުގައި އިތުރަށް ފަރުވާތެރި ވާންޖެހެއެވެ. މި ހާދިސާގައި މި މީހާ ސަލާމަތްވީ މި މީހަކީ ޖިސްމާނީ ގޮތުން ފިޓް މީހަކަށް ވުމުންނެވެ. މި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެވި މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!