ހަގީގީ ހާދިސާ ރިޕޯޓް

ހަގީގީ ހާދިސާ: ފެނުނީ އާދަޔާ ޚިލާފު ހުވަފެނެއް، ގަތް ބިރުން ގުޑިލަން ނުކެރި އެތައް އިރެއް ވަންދެން އޮތިން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެހެން ދުވަސްތަކެކޭ އެއްފަދައިން އަހަރެން މިއަދު ވެސް ގިނަ ވަގުތު ހޭދަކުރީ އަހަރެންގެ އެކުވެރިންނާއެކު ދުނިޔަވީ މަޖަލުގައެވެ. އާއިލާމަތިން ހަނދާން ނުވާ ޙާލު އަހަރެން ނަމާދެއް ވެސް ނުކުރަމެވެ. ވަރަށް ބޮޑަށް ސަކަރާތް ޖެހުމަށް ފަހު އަހަރެން ދުވަސް ނިންމާލަނީ ޖެހިގެން އަންނަ ދުވަހަށް އެތަކެއް ކަމެއް ރޭވުމަށް ފަހުގައެވެ. ދަންވާ ފަހުންނެވެ.

މިރޭ ވެސް އަހަރެން ގެއަށް އައިއިރުގައި، ގަޑިން ދަންވަރު 3 ޖަހަނީ އެވެ. އަވަސްއަރުވާލައިގެން ފާހާނާއަށް ވަދެ އަހަރެން ދިޔައީ ކާ އެއްޗެއް ކެއުމަށް ބަދިގެއަށެވެ. ކައިގެން އެނދަށް އަރާ ލަވައެއް ޖަހައިގެން އަހަރެން ނިދަން އޮށޯތީއެވެ. ދެން އަހަރެންނަށް ހޭލެވުނީ ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުންނެވެ. ހޭލިގޮތަށް ފެށުނީ ރޯށެވެ. ބޭނުންވީ މަންމަ ގާތަށް ދުއްވައި ގަންނާށެވެ. އެހެން ނަމަވެސް ގަތްފައި ހުރި ބިރުން ގުޑިލަން ނުކެރި އަހަރެން އޮތީ އެނދުގައި ރޯލަރޯލައެވެ.

އާދޭހެވެ. ހުވަފެނުން ފެނުނީ އަހަރެންގެ ނިމުމެެވެ. އަހަރެންގެ ފުރާނަ ގެންދާ މަންޒަރެވެ. ރޮއެ ހޭރޭ މަންޒަރެވެ. އެކުވެރިންނާ އެކު ސަކަރާތް ޖަހަން އުޅުނު މަންޒަރެވެ. އަހަރެން ގޮވަމުން ދިޔައެވެ."އަހަރެން ނުގެންދާށޭ، އާދޭސް ކޮށްފައި އަހަރެން ދޫކޮށްލާށޭ" މިފަދައިންނެވެ. ނަމަވެސް މާ ލަސްވެއްޖެކަން ކޮންމެ ވެސް މީހަކު އަހަރެން ގާތުގައި ބުނަމުން ދިޔައެވެ. އެވަގުތު އަހަރެންނަށް އަހަރެންގެ މަންމަ ސިފަވިއެވެ. އާއިލާ ސިފަވިއެވެ. އަހަރެންގެ ހާލާމެދު އަހަރެން ރޯމަހެއް ތެޅޭހެން ތެޅޭ މަންޒަރު ވެސް ފެނިގެން ދިޔައެވެ.

ހޭލެވުމާއެކު އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. ލޯބޮޑުކޮށް ވަށައިގެން ރަނގަޅަށް ބަލާލެވުނެވެ. އަދި ހޯސް ލައިފައި ލޮލުން ކަރުނަތައް ފައިބަން ފެށީއެވެ. އުފަލުން ކަމެއް ނުނީ ބިރުން ކަމެއް އަސްލު ހަގީގަތުގައި ބުނެދޭކަން ނޭނގެއެވެ. ގަތްފައި ހުރި ބިރުން އަހަރެން ގުޑިލަން ނުކެރިފައި އޮތީ މަންމަ ގާތަށް ދާން ބޭނުންވެފައި ވާ ޙާލުއެވެ. އިރު އަރަންދެން ހޭލާ އޮތީ ނިދިއްޖެޔާ ނުހޭލެވިދާނެ ކަމުގެ ބިރަށެވެ.

އެކުވެރިންނޭ! މިއީ އަދި އަހަރެންނަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. ހުވަފެނުން އަހަރެންގެ ނިމުން އައިސް އަހަރެންނާ ބައްދަލު ކުރުމުން އަހަރެންނަށް ވީ ގޮތުގެ ވާހަކައެވެ. ވީއިރު ހަގީގަތުގައި ކޮންމެ އިންސާނަކީ ވެސް މަރާ ބައްދަލު ކުރާނެ މީހެކެވެ، މަރުގެ ރަހަ ލިބި ގަންނާނޭ ނަފުސެކެވެ. އެދުވަހުން އަހަރެން ހުންނަން ކިތަންމެ ބޭނުންވިޔަސް އަދި އެއީ ހުވަފެނެއް ކަމުގައި ވާން ބޭނުން ވިޔަސް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ޖެހޭނީ އެކަލާނގު އަމުރުފުޅަށް ތަބަޢަ ވާށެވެ. މިވާހަކަ މި ހިއްސާ ކޮށްލީ މިކަމުން ތިޔަ އެކުވެރިން ވެސް ޢިބުރަތް ހާސިލުކޮށް އިސްލާހުވާން ފުރުސަތެއް ހޯދައިދިނުމުގެ ހެޔޮ ނިޔަތުގައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!