ޚަބަރު

ހަގީގީ ހަރުކަށި ފިކުރުގެ މީހުންނަކީ ރަސޫލާ އަންގަވާފައިވާ ގޮތާ ޚިލާފަށް އަމަލު ކުރާ މީހުން: ޑރ. ޒިޔާދު

ދެން އެމްވީ ، ދެން އޮންލައިން

ހަގީގީ ހަރުކަށި ފިކުރުގެ މީހުންނަކީ ކީރިތި ރަސޫލާ އަންގަވާފައިވާ ގޮތާ ޚިލާފަށް އަމަލު ކުރާ މީހުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޒިޔާދު ވިދާޅުވީ ހަރުކަށި ފިކުރުތަކުގެ ވާހަކަ ފެތުރިގެން އައީ އިސްލާމް ދީނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަނީ ރާއްޖޭގައި އެކަނި ނޫން ކަމަށާއި، ސީރިޔާ، އިރާގު، ލީބިޔާ ފަދަ ގައުމުތަކުގައިވެސް ދީނީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ ކުރިން އެގައުމުތަކުގައިވެސް އޮތީ ސިޔާސީ ހަމަނުޖެހުންތަކެއް ކަމަށާއި އެގައުމުތަކުގެ ހާލަތު މިއަދު އޮތް ގޮތާމެދު ވިސްނާ ފިކުރު ކުރުން މުހިންމު ކަމަށެވެ.

އިސްލާމް ދީނަކީ ހަރުކަށި ފިކުރުގެ ދީނެއް ކަމަށް ދައްކަން އެމެރިކާ ފަދަ ގައުމުތަކުން މަސައްކަތް ކުރަމުން އަންނައިރު، މީހުން މެރުން ފަދަ އަމަލުތައް ހަރުކަށި ފިކުރަށް ނުވަނީ ކީއްވެގެންތޯ ވިދާޅުވެ ޑރ. ޒިޔާދު ސުވާލު އުފެއްދެވިއެވެ.

ދީނީ ގޮތުން ހަރުކަށި ވެގެން އުޅޭ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ދާދިފަހުން ރ. މަޑުއްވަރީގައި ހިންގާފައެވެ. އެ އޮޕަރޭޝަނުގައި ބައެއް މީހުން ހައްޔަރުކޮށް ތަހުގީގު ވަނީ ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!