ޚަބަރު

ރާއްޖޭގެ ކަނޑު ފަޅުތަކާ ގުޅޭ ދިރާސާތަކެއް ފަށައިފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތަކެއް އިއްޔެ ފަށައިފި އެވެ.

ސިލްސިލާ ކޮށް ކުރިއަށްގެންދާ މި ދިރާސާތައް އިއްޔެ ފެށީ ހުޅުމާލެ އިންނެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް 26 ދުވަސް ވަންދެން ކުރިއަށް ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. ދަތުރު ފައްޓަވައިދެއްވުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ "ކާޕޭ ޑިއެމް" ބޯޓަށް ވަޑައިގެން ދަތުރުގެ ބައިވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެފައި ވަނީ، ނިމިދިޔަ އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދިވެހި ސަރުކާރާއި އެ ކޯލިޝަން އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިގްތިސާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ އެ ސިޔާސަތަށް ބޭނުންވާ މެރިން ސްޕޭޝަލް ޕްލޭންއެއް އެކުލަވާލާނެ އެވެ.

އެ ސްޕޭޝަލް ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި، ތަރައްގީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށެވެ.

އިއްޔެ ފެށި ދަތުރުގައި ހިމެނޭ ކޯލިޝަންގައި ސައިންވެރިންނާއި، އެމްއެމްއާރުއައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެށްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ބައިވެރިވާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ބުނީ ރާއްޖޭ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ސާރވޭތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އިތުރު ދަތުރުތައް ރޭވިގެން، ރާއްޖޭގެ އުތުރާއި ދެކުނުން، ފުން ކަނޑުތަކާއި ތިލަ ފަރުފަޅުތަކުން މުހިންމު މައުލޫމާތުތަކެއް ނެގުމަށް މި އަހަރުގެ އެކި ދުވަސްވަރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފއިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އެގޮތުން ނެގޭ މައުލޫމާތާއި، މި މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން، ރާއްޖޭގައި ނޫ އިގްތިސާދެއް ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!