ރިޕޯޓް

ކޯވިޑްތެރޭ ދިވެހިންނަށް ފެނުނު ދީލަތި އަތް! ބަރަކާތްލައްވާށި!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އިގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ މިއޮތީ ހުއްޓި، އިގުތިސާދު "ހޭނެތި" ފަ އެވެ. ރާއްޖެ ވެސް މި އޮތީ އެ ހާލަތުގަ އެވެ. ދިވެހި އިގުތިސޯދެއް މިވަގުތަކު ނެތެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ވަޒީފާވަނީ ގެއްލިފައެވެ. އެތައް އާއިލާއެއްވަނީ ބިކަވެފަ އެވެ. ތަދުމަޑުކަން ވަނީ ވަށާލާފަ އެވެ.

Ads by Sosun Fihaara

މިހާލަތަށް ރާއްޖެ ދިޔައިރު ބައްޔަށް ޕޮޒިޓްވާ މީހުނާއި، ކަރަންޓީނު ކުރާ މީހުންނާއި އަދި އެނޫންވެސް ގުޅުން ހުރި އެތައް އެތައް ކަންކަމަށް ބޮޑެތި އެތައް ހަރަދުތަކެއް ކުރަން ސަރުކާރަށް ވަނީ ޖެހިފަ އެވެ. ފިޔަވަޅުތައް އަޅައި ފަރުވާ ދެވޭނެ މަގުތައް ފަހިކޮށް ދޭން ވޭން ހުރި ބޮޑު ބުރައެއް އުފުލަން ވަނީ ޖެހިފަ އެވެ. އެހެން ކަމުން މި ވަގުތަކީ ރާއްޖޭގެ ވިޔަފާރިވެރިން ވެސް ދީލަތި ނަމޫނާއެއް ދައްކައި ސަރުކާރަށް އެހީވެދޭން ޖެހިފައިވާ ވަގުތެކެވެ.

ކޯވިޑާ ގުޅިގެން އެހީތެރި ވުމުގައި ވިޔަފާރިވެރިންތަކެއް ނުފެނުނަސް ޒުވާން ވިޔަފާރިވެރިޔާ އަދި ކޭ ޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ވަނީ ދިވެހިންނަށް ނަމޫނާ ދައްކަވައި ސަރުކާރަށާއި އާންމުންނަށް އަޅައިލުމުގެ ގޮތުން މުއައްސަސާތަކަށާއި ރަށްރަށަށް އެހީތެރިވެދޭން ފައްޓަވާފަ އެވެ.

ކޭ ޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ)

ކޯވިޑްގެ މި ހާލާތުގައި އޭނާ ފޯރުކޮށްދޭ އެހީތަކާ ގުޅިގެން "ދެން" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މަންޑޭ ވިދާޅުވީ، ކޮރޯނާ ވައިރަހާއެކު މިވަގުތު ރާއްޖެ މިއޮތީ ވަރަށް ނާޒުކުރު ފައްތަރެއްގައި ކަމަށާއި މި ހާލަތުގައި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާއިރު ކުދި ވިޔަފާރިތައް ހަލާކުވެ، އެ ވިޔަފާރިތަކާ އާއިލާތައް އެކަށް ފަގީރުވެފައިވާ ކަމަށެވެ.

މަންޑޭ ވިދާޅުވި ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ހުރިހާ ޒިންމާއެއް ދޫކޮށްލުމަކީ ވިޔަފާރިވެރިން ހަދާނެ އެންމެ ބޮޑު ގޯހެވެ. އަދި މިއީ ވިޔަފާރިވެރިން ސަރުކާރަށް އެހީވާންޖެހޭނެ ވަގުތެކެވެ.

"އެހެން ކަމުން ދިވެހި ވިޔަފާރިވެރިންވެސް ރައްޔިތުންނަށްޓަކާ މިވަގުތު ތެދުވަން ވެއްޖެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ... ކޮންމެ ވިޔަފާރިވެރިޔަކު ވެސް އެމީހަކަށް ވެވުނު ގޮތަކަށް ގައުމަށާއި ރައްޔިތުންނަށް އެހީވުމަށް އަވަސްވެގަތުން މިހާރު ވެސް މާ ލަސްވެއްޖެ، އަޅުގަނޑަށް ވެސް އެހީތެރިވެވެން ފެށުނީ ލަސްކޮށް. އެކަމަކު އެހީއެއް ނުވުމަށްވުރެ ލަސްވެފައި އެހީތެރިވުން ވެސް ރަނގަޅުވާނެ،"

މަންޑޭ ވިދާޅުވި ގޮތުގައި ކޯވިޑާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރާގެ އިދާރާތަކަށް ބޭނުންވާ ސާމާނާއި އާލާތް ފޯރުކޮށް ދީ، އެހީތެރިވާން އޭނާ ނުކުންނެވީ އެކަމަށް މާ ބޮޑަށް ވިސްނައި ފިކުރު ކުރުމަށް ފަހު އެއް ނޫނެވެ. އޭގެ ބަދަލުގައި މި ހާލަތުގައި ރަށްރަށުގެ ރައްޔިތުންނަށް އެހީވާނީ ކޮންބައެއްތޯ އަމިއްލައަށް ސުވާލު ކުރުމަށް ފަހު ވެދެވެން އޮތް އެހީއެއް ހިފައިން އެ އެހީ ދިނުމަށް ނުކުންނެވީ އެވެ.

މަންޑޭ އަދި އެނާގެ ވިޔަފާރި ކުންފުނީގެ ބައިވެރިއެއް

"ހާލަތު މިއޮތީ ގޯސްވެފައި އިތުރަށް ގޯސް ވެގެންދާ ވަގުތުގައި މާލެ ފިޔަވާ ދެން ހުރި ރަށްރަށުގެ ރައްޔިތުން އުޅެން ޖެހޭނެ ނިކަމެތި ހާލަތު އަޅުގަނޑަށް ވިސްނޭތީ އަދި އެކަމާ ވަރަށް ކަންބޮޑުވާތީ އަޅުގަނޑުގެ އަތުގައި އޮތް އެއްޗެއް ދޭން ނުކުތީ. މިއަދު މި ރައްޔަތުން ސަލާމާތްކޮށް ދޭން ދައުލަތާއެކު ވިޔަފާރިވެރިންނަށްވުރެ ބޮޑު ދައުރެއް އޮތް ބައެއް ނެތް،" މަންޑޭ އޭނާގެ އޮފީހުގައި އިންނަވައިގެން ވިދާޅުވި އެވެ.

"އަތޮޅުތަކުގެ ތެރޭގެ ރައްޔިތުން އަބަދުވެސް މި ފަދަ ކަންކަމުގެ ތެރޭގައި އުޅެނީ ވަރަށް ނިކަމެތި ހާލުގައި ނޫންތޯ؟ އަޅުގަނޑު މިއަދު ވިޔަފާރި ކުރި ނަމަވެސް އެ ނިކަމެތި ކަމުގެ އިހުސާސްތައް އަބަދުވެސް ތާޒާކޮށް ހުރޭ. އެހެންވެ އަޅުގަނޑުގެ އެހީ ބޮޑަށް އަމާޒު ކުރަނީ ސީދާ އަތޮޅުތަކަކަށް، އިރާދަކުރެއްވިއްޔާ މިކަމުން ދިވެހިންނަށް މިންޖު ވެވެންދެން އަޅުގަނޑު އަތުގައި އޮތް އެއްޗެއް ދޭނަން،"

މަންޑޭ ވިދާޅުވި ގޮތުގައި މިވަގުތު އެހީތެރިވެ ދެނީ އެހީއަށް އެދޭ ކައުންސިލްތަކާއި ޓާސްކް ފޯސްތަކާއި އިދާރާތަކާއި މުއައްސަސާތަކަށެވެ. ވަކިން އެހީއަށް އެދޭ މީހާއަކަށް ނޫނެވެ. އަދި ވަކި ރަށެއް އިސްކޮށް ވަކި ރަށެއް ތަފާތު ކުރުމުގެ ވިސްނުން ނޯންނާނެ އެވެ.

"މިވަގުތު ބޭނުމީ އެހީ، އެހެންވީމާ 'ފަސްޓް ކަމް ފަސްޓް' އެ އުސޫލުން ދާނީ އެކަމަކު އެއީ ވަކި މީހާއަކަށް ނޫން، އެހެން ހަދައިފިވިއްޔާ އެންމެނާ ހަމައަކަށް ނުފޯރާނެ،" އޭނާ ވިދާޅުވި އެވެ.

މަންޑޭ އާއެކު މަސައްކަތްކުރާ ބޭރުގެ ބޭފުޅުން

ރާއްޖޭގެ އެކި ރަށްރަށަށް މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 12،000 އަށް ވުރެ ގިނަ މާސްކާއި 5،000 އަށް ވުރެ ގިނަ ސެނެޓައިޒާއި ގިނަ އަދަދެއްގެ ގައުން މަންޑޭ ވަނީ ހަދިޔާ ކޮށްފަ އެވެ. އޭގެ ތެރޭގައި އެމްއެންޑީއެފާއި އައިޖީއެމްއެޗު ވެސް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ކޮމިއުނިޓީތަކަށްވެސް މަންޑޭ ވަނީ ފައިސާގެ އެހީތެރިކަން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެދީފަ އެވެ. އޭގެ ތެރޭގައި ކުޅިވަރާއި ހިދުމަތުގެ ކޮމިއުނިޓީތައް ހިމެނެ އެވެ.

"އެއްވެސް ރަށަކުން އެ ރަށަކަށް އަޅުގަނޑުގެ އެހީ ނުލިބޭނެ ކަމަށް ކަންބޮޑުވާނެ ކަމެއް ނެތް. އިންޝާﷲ އަތުގައި ހުރި މިންވަރަކުން ހުރިހާ ރަށަކަށް ވެސް އެހީވާނަން" މަންޑޭ ވިދާޅުވި އެވެ.

ކޯވިޑާ ގުޅިގެން މަންޑޭގެ ދީލަތި އަތް ހުޅުވައިލުމުން ބައެއް ފަރާތްތަކުން އެ ކަމަކީ ސިޔާސީ ވިސްނުމެއްގައި މަންޑޭ ކުރައްވާ ހޭދައެއް ކަމަށް ސިފަކޮށްފައި ވެއެވެ. ނަމަވެސް މަންޑޭ ވިދާޅުވަނީ އެފަދަ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.

"މިވަގުތު ދިވެހިން ތިބީ ހާލުގައި މިއީ ދިވެހި ރައްޔިތުންނަށް އެހީވާން ޖެހޭނެ ވަގުތު ނޫންތޯ؟ އެހެންވެގެން އަޅުގަނޑު ނުކުތީ. އަޅުގަނޑުގެ ސިޔާސީ ވިސްނުމެއް ނެތް، އަދި މީހުނަށާއި ތަންތަނަށް އެހީވުމަކީ ކުއްލިއަކަށް އަޅުގަނޑު ފަށައިގެން އުޅޭކަމެއް ވެސް ނޫން. އަޅުގަނޑަށް ތަންވަސްކަން މިންވަރުވި ހިސާބުން ފެށިގެން އެކި ފަރާތްތަކަށް މިދަނީ އެހީވަމުން،" މަންޑޭ ވިދާޅުވި އެވެ.

"ފައިދާއެއް ނަގައިގެން ސިޔާސީ މީހަކަށް ވާކަށް ބޭނުމެއް ނޫން. ސިޔާސީވާކަށް ވެސް މިހާރު ބޭނުމެއް ނޫން، އެ ވިސްނުމެއް ނެތް. މިއީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތެއް މިއީ ވަކި ކުލައަކަށް އަޅުގަނޑު ކޮށްދޭ ކަމެއް ވެސް ނޫން"

އެހެން ވިޔަފާރިވެރިންނާ ހިލާފަށް މަންޑޭ ހުންނެވީ ކޯވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް އެހީވުމަށް ނުކުންނަވައެވެ. މަންޑޭއަކީ ދީލަތި ނަމޫނާއަކަށް ބަލަންޖެހެނީ އެހެންވެގެނެވެ. ރާއްޖޭގައި ބޮޑެތި އެތައް ވިޔަފާރިތަކާއި ވިޔަފާރިވެރިން ތިބި އިރު މިވަގުތަށް ދިވެހިންނަށް ފެނުނު އެންމެ ދީލަތީ އެންމެ ބޮޑަށް ހުޅުވާލާފައި އަތަކީ މަންޑޭގެ އަތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!