ހަތިޔާރު ހިފައިގެން ނިކުންނަން ގޮވާލީ މަޖާޒީ ގޮތެއްގައި: ލަތީފު
ހަތިޔާރު ހިފައިގެން ނިކުމެ ސަރުކާރު ވައްޓަލަން ޖެހޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާ ބޭއްވި ޖަލްސާއެއްގައި ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނާނީ ހަތުޔާރު ތޫނުކޮށްގެން ކަމަށެވެ. އަދި އެ ނޫން ކަމެއް ދެން ނުކުރައްވާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފްގެ މި ވާހަކައަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އިރު އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވެސް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.
މިކަމަށް ރައްދު ދެއްވައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ހަތިޔާރު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ނިކުތުމަށް ގޮވާލީ މަޖާޒީ ގޮތުން ކަމަށެވެ. އެއީ ކެމިކަލް ހަތިޔާރާއި، ބަޑި އާއި ލޮންސި އަދި ކަތިވަޅި ހިފައިން ނިކުންނަ ވާހަކަ ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވާ ލަތީފް ރޭ ވިދާޅުވީ ޕީޕީއެމްގެ ހުރިހާ މެންބަރުން އެކައްޗަކަށްވެ، ކަމަރު ބަނދެ ސަރުކާރާ ދެކޮޅަށް ނިކުންނަން ވެއްޖެ ކަމަށެވެ.
"މާދަމާ ބުނާނެ އޭ ކަމަރުތަކެއްގެ ވާހަކަ ދައްކައިފިޔޭ. ކޮން ކަމަރުތަކެއް ހެއްޔޭ؟ މިއީ ދިވެހި ބަހުގައި މަޖާޒީ ގޮތެއްގައި ބޭނުން ކުރާ ބަސްބަސް. ކަމަރު ބަނދެލައިގެން އެކައްޗަކަށްވެގެން ނިކުންނަން ވީ،" ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީރޭ ވެސް ދެންނެވީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓަލާ ވާހަކަ ކަމަށެވެ. ހަތިޔާރަކީ ދިވެހީން މަޖާޒީ ބަހެއްގެ ގޮތުގައި ބޭނުންކުރާ ބަހެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ކެމިކަލް ހަތިޔާރުގެ ވާހަކަ ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް މިކިޔަނީ ކެމިކަލް ހަތިޔާރު ވާހަކައެއް ނޫން. ބަޑިއާ ލޮންސި އާ ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މައްސަލަތައް ބަލަން ގޮވިނަމަވެސް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އަތުގައި ބިޑިއަޅުވާ، އަނދަގޮޑި ޖަހާފާނެ ކަމުގެ ބިރަށް ގައުމީ މަސައްކަތާއި ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައިވެސް ލަތީފް ވަނީ ސަރުކާރާއި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.