ޚަބަރު

"ޖަރނީ" ގެ "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" ރައީސްގެ އަނބިކަބަލުން ނެރެދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ "ޖަރނީ" އިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" މި ނަމުގައި ޝާއިޢު ކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.

Ads by Sosun Fihaara

މެޑަމް ފަޒްނާ މި ފޮތް ނެރެދެއްވީ އެކަމަށްޓަކައި މުލީއާގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ.

"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން،" މި ފޮތް ބިނާކޮށްފައި ވަނީ ޕާޓްނަރޝިޕް ފޮރ ޑްރަގް ފްރީ ކިޑްސްގެ "އިންޓަރވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސްގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސަރވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިޢު ކޮށްފައިވާ އެކި މަޢުލޫމާތުތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ފޮތް ބައްޓަން ކޮށްފައި ވަނީ، އެ މަޢުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެކުލަވައިލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

"ޖަރނީ" އަކީ، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާ ހޯދުމާއި މުޖުތަމުއަށް އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!