ޚަބަރު

ދައުލަތުގެ ކުންފުނިތަކުގެ ވެރިން މުސާރާ އާންމުކުރުމަކީ މުހިއްމު ކަމެއް: ސިރާޖު

ދައުލަތުގެ ކުންފުނިތަކުގެ ވެރިން މުސާރާ އާންމުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން މަޖިލީހަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.

ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައަކީ ސިއްރު މައުލޫމާތަކަށް ވެގެން ނުވާނެ ކަމަށެވެ.

"ދައުލަތުގެ ހުރިހާ ކުންފުނިތަކުގެ ވެރިން މުސާރައިގެ ގޮތުގައި ނަގާ މިންވަރު އާންމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން." ސިރާޖު ވިދާޅުވިއެވެ.

ސްޓެލްކޯއިން މި މަހުގެ ހަވަނަ ދުވަހު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައި ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

މި މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވެެފައިވާ ސްޓެލްކޯގެ ސިޓީގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މުޣުނީއަށާއި ސަރުކާރަށް ފާޑު ކިޔައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!