ޚަބަރު

ކޮވިޑްގެ ކަންތައް ރޯދަ މަހާ އެކީ ނިމިގެންދާނެ: ޑރ. ހަސަން ހަމީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ބަލިމަޑުކަން ރޯދަ މަހާ އެކީ ނިމިގެންދާނެ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ، މި ބަލިމަޑު ކަމާ މެދު ނާއުއްމީދީ ގޮތަކަށް ނުދެކުމަށް އެދިފައެވެ،

އަދި ކޮވިޑް19 ގެ ބަލިމަޑުކަން ވަރަށް ދިގުލައި ހިނގައިދާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތްނަމަވެސް ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތަށް ބަލައިފިނަމަ މިކަން އެންމެ ކާމިޔާބު ކޮށް ކޮންޓްރޯލް ކުރި ނިއުޒިލޭންޑުގައި ހޯމަ ދުވަހު ޔުނީފޯމުގައި ހުރިހާ ކުދިން އަނބުރާ ސްކޫލަށް ގޮސްފި ކަމުގައި ޑރ. ހަސަން ހަމީދު ފާހަގަކުރެއްވިއެވެ.

"ނިއުޒޭލެންޑުން ލޮކްޑައުން ގައި ހޭދަ ކުރީ 49 ދުވަސް...އަޅުގަނޑުމެން ލޮކްޑައުން މިކުރީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، އެހެން ވީމާ އެންމެ އަވަހަށް އަޅުގަނޑުމެންނަށް މިކަމުން އަރައި ގަނެވޭނެ ކަމަށް ލަފާ ކުރެވޭ ޖޫން މަހުގެ 3 ވަނަ ދުވަހު." ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ.

ހަމައެހެންމެ އިޓަލީގެ މިސާލުވެސް ވަނީ ނަންގަވާފައެވެ. އެގޮތުން ބަލީގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީ އެކަމަށް ހޭދަކުރީ 76 ދުވަސް ކަން ފާހަގަކުރެއްވިއެވެ.

އެއާއެކު ރާއްޖެއިން ވެސް ޖުލައި މަހުގެ 1އާ ހަމައިން މިކަމުން ސަލާމަތް ވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އެ ބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޑރ. ހަސަން ހަމީދު ވިދާޅުވީ، ރާއްޖޭގައި ބަލީގެ ޕީކް މާޒީވެ ހިނގައްޖެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!