ވިޔަފާރި

މިދިޔަ އަހަރު ލިބުނު އާމްދަނީ 2.7 ޕަސެންޓް އިތުރު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ 2.7 ޕަސެންޓް އިތުރު ވެއްޖެ އެވެ.

Ads by MWSC

ރާ އިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތަށް 16.79 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 2.5 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ އަހަރު އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖުމްލަ ޓެކުހުގެ 46 ޕަސެންޓް ހިއްސާ ކުރަނީ މި ޓެކުހެވެ. ޖީއެސްޓީގެ ގޮތުގައި 7.74 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޕީބީޓީންނެވެ. ޖުމްލަ ޓެކުހުގެ 17 ޕަސެންޓް ހިއްސާ ކުރަނީ މި ޓެކުހުންނެވެ. ޕީބީޓީގެ ގޮތުގައި ޖުމްލަ 2.90 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ލޭންޑް ރެންޓް ޓެކުހުގެ ގޮތުގައި. ޖުމްލަ ޓެކުހުގެ 10 ޕަސެންޓް ހިއްސާ ލިބިފައިވާއިރު ލޭންޑު ރެންޓް ޓެކުހުގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރު ޓޫރިޒަމް ރަނގަޅުވުމުން ޑޮލަރުން ލިބުނު އާމްދަނީ ފަސް ޕަސެންޓު އިތުރުވެފައިވާ ކަމަށް މީރާގެ ހިސާބު ތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 653 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ލިބިފައިވާ 623 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ އިތުރު ވުމެކެވެ.

ޑޮލަރުގެ އާމްދަނީ އިތުރު ވެފައި ވަނީ ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ޓޫރިޒަމުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މި ދާއިރާ އިން ޖުމްލަ ޖީއެސްޓީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބިފައިވަނީ 4.7 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު 1.7 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!