ތަސައްވުރަކީ ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރަން ބާރުވެރިވެފައި ނެތް ފުލުހުންތަކެއް ތިބުންތޯ: ފައިރޫޝް
ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުން ކުރަން ފެށުމާއެކު އަމާޒުވި ފާޑުކިޔުންތަކަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރައްދުދެއްވައިފި އެވެ.
ފުލުހުންނަށް ކަރަންޓު ފިސްތޯލަ ބޭނުން ކުރަން ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ހާމަ ކުރެއްވުމާ އެކު ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އެގޮތުން ދިވެހި ފުލުހުންނަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ބައެއް ކަމުން ފުލުހުންނަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ދިނުމަށް އިތުބާރު ނުކުރެވޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެތައް ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޭސީޕީ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންގެ ކުރިމަގަކީ ޓެރަރިޒަމާއި ނުރައްކާތެރި ގޭންގުތަކާއި ކުރިމަތިލުމުގެ ގާބިލުކަން ނެތުންތޯ ސުވާލު އުފައްދަވާފަ އެވެ.
"ނުރައްކާތެރި ގޭންގުތައް ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރުމަކީ ލާޒިމު ކަމެއް. ނަމަވެސް، ތަސައްވުރަކީ އެކަން ކުރަން ބާރުވެރިވެފައި ނެތް ފުލުހުންތަކެއް ތިބުންތޯ؟" ފައިރޫޝް ސުވާލު ކުރެއްވިއެވެ.
A police force with an entitlement, but not empowered to tackle the current gang threat and terrorism (even after a marauding attack on tourists)! Is that the vision?
— Phairoosch, PhD (@fairoosh) May 20, 2020
ފައިރޫޝްގެ މިވާހަކައަށް ރައްދު ދެމުން ބައެއް މީހުން ވަނީ އަނިޔާވެރިކަމާއެކު މައްސަލަތާކައި ކުރިމަތިލުމަކީ ރަނގަޅު ގޮތް ކަމަށް އޭސީޕީ ފައިރޫޝް ދެކިވަޑައިގަންނަވާނަމަ ފުލުހުންގެ ވަޒީފާއިން އޭނާ ވަކި ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ފުލުހުން ކަރަންޓް ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، އެ ފިސްތޯލަ އަކީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ.
އެ ފިސްތޯލަ ދޭން ނިންމާފައި ވަނީ ވަކި ތަމްރީނެއް ފުރިހަމަ ކުރާ ފުލުހުންނަށެވެ. އަދި އެ ފިސްތޯލަ ގެންގުޅޭ ފުލުހުން އަމަލު ކުރާ ގޮތް ދެނެގަންނަން ބޮޑީ ކެމެރާއެއް އެ ފުލުހުންގެ ގައިގައި ހަރުކުރާނެ އެވެ.