ބޮލީވުޑް މުނިފޫހިފިލުވުން

ސިކުނޑިއަށް ސްޓްރޯކް ޖެހުމުގެ ސަބަބުން ރާހުލް ރޯއީ "ސްޓްރޯކް" ކުޅެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ރާހުލް ރޯއީ އަށް ވަނީ ދާދި ފަހުން ސިކުނޑިއަށް ސްޓްރޯކެއް ޖެހިފައެވެ. އޭނާއަށް ސްޓްރޯކް ޖެހުނީ ކާރްގިލް ގައި "އެލްއޭސީ- ލިވް ދަ ބެޓްލް" ފިލްމުގެ ޝޫޓިންގައި ހުއްޓައެވެ.

Ads by STELCO

ސްޓްރޯކް ޖެހުމުގެ ސަބަބުން ލަސްނުކޮށް އޭނާ ވަނީ ޝްރީނަގަރަށް ގެންގޮސްފައެވެ. އަދި އެތަނުން އޭނާ އިތުރު ފަރުވާއަށް މުމްބައިއަށް ގެންދިޔައީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ރާހުލް ރޯއީގެ ހާލު މިހާރު ރަނގަޅުވެ އޭނާ ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައެވެ. ނަމަވެސް ސްޓްރޯކް ޖެހުމުގެ ސަަބަބުން އޭނާއަށް ވާހަކަ ދައްކާއިރު ބައެއް ބަސްތައް ނުކިޔެއެވެ. އެހެންކަމުން އޭނާ އަންނަނީ ސްޕީޗް ތެރަޕީ ނަގަމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސިކުނޑިއަށް ސްޓްރޯކެއް ޖެހުމުގެ ސަަބަބުން، ރާހުލް ރޯއީ ދެން ކުޅުމަށް ހަމަޖެހިފައި ވަނީ "ސްޓްރޯކް" ނަމަކަށް ކިޔާ ފިލްމެކެވެ. އެފިލްމުގައި އޭނާ ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ސްޓްރޯކެއް ޖެހިފައިވާ މީހެއްގެ ރޯލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ރާހުލް ރޯއީ ގެ ބޭސް ފަރުވާގެ ޚަރަދުތައް ހަމަޖައްސައި ދެމުން އަންނަ ޑައިރެކްޓަރު ނިތިން ކުމާރް ގުޕްތާ "މުމްބައި މިރޯ" އަށް މައުލޫމާތު ދެމުން ބުނީ "ސްޓްރޯކް" ނަމަކަށް ކިޔާ ފިލްމެއް ހަދަން އޭނާ މިހާރު ވިސްނާފައިވާ ކަމަށާއި އެފިލްމަކީ ހަގީގީ ހާދިސާތަކާއި ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާ ކޮށްގެން އުފައްދާނެ ފިލްމެއް ކަމަށެވެ.

"ރާހުލް އަށް ސްޓްރޯކް ޖެހުމުން އޭނައަށް ދެން މަސައްކަތެއް ދޭން އެހެން ޕްރޮޑިއުސަރުން ޖެހިލުން ވެދާނެ. އެކަމަކު މިއަންނަ ފެބްރުއަރީ މަހު އަހަރެން މަސައްކަތް ފަށާ ފިލްމު ސްޓްރޯކް ގައި އަހަރެން އޭނަ އަލުން ލޯންޗް ކުރާނަން" ނިތިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!