ޚަބަރު

"ރައީސްގެ މުސާރަ ކުޑަ ކުރީ ގާނޫނާ ހިލާފަށް، އެ މައްސަލަ ބަލަން ޖެހޭ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މުސާރަ ކުޑަ ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައެވެ.

އެކަމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ އެއް ދުވަސް ކުރިން މަޖިލީހުން ސަރުކާރަށް އިންޒާރު ދިނުމަށްފަހު އެގޮތަށް އެކަން ކުރުމުން އެކަމުގައި ޖިނާއީ ނިޔަތް އެކުލެވިގެންވާކަން ސާފުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސް ކުރި އިރު ރައީސުލް ޖުމްހުރިއްޔާގެ މުސާރައަކީ (ގާނޫނު ނަންބަރު 11/2009) ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުން ލިބިދޭ މުސާރަ އާއި އެލަވެންސެކެވެ. މި ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.

މި މުސާރައިން 35 އިންސައްތަ އުނިކުރުމުން މިހާރު އެމަނިކުފާނަށް އަސާސީ މުސާރައިން ލިބިވަޑައިގަންނަވާނީ 65،000 ރުފިޔާއެވެ.

ނައިބު ރައީސްގެ އަސާސީ މުސާރައަކީ 75،000 ރުފިޔާ އެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން ލިބިވަޑައިގަންނަވާނީ 48،750 ރުފިޔާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!