ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ނެތް: އިންތި
ހުކުމެއްކޮށްފައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ރާއްޖޭގައި ކަނޑައެޅިފައެއް ނެތް ކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ދޫކޮށްލުމުގައި ގޮތެއް ނުނިމި ލަސް ކުރަމުން ދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޯޓުން ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކަފާލާތުގެ ފުރުސަތު ދީފައިވޭތޯ ސުވާލު ކުރައްވާފައެވެ.
"ރާއްޖޭގެ ނިޒާމުގެ ތެރެއިން އަދި އުސޫލެއް ކަނޑައެޅިފައި އޮތް ކަމެއް ނޫން ހުކުމެއް ފަހު ބެއިލް ކުރުމަކީ. ވަރަށް ހަރުދަނާ ނިޒާމުތައް ހުންނަ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމެއްގައި ނޫނީ ނެތް ކަމެއް" އިންތި ވިދާޅުވިއެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.