ޚަބަރު

ސޭފް ޓޫރިޒަމް ގައިޑްލައިންގެ ޑްރާފްޓް އެކުލަވާލީ މަޝްވަރާނުކޮށް: މަޓާޓޯ

ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އެކުލަވާލި "ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ދެލިކޮޕީ އެކުލަވާލީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯ)އާ މަޝްވަރާ ނުކޮށް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގަައިޑްލައިންގެ ދެލިކޮޕީ އެކުލަވާލުމުގެ މަރުހަލާގައި އެ ޖަމިއްޔާ އާއި މަޝްވަރާކޮށްފައިނުވާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން އެ ޖަމިއްޔާގެ ހިޔާލު ހޯދުމަށް އެ ދެލިކޮޕީ ހިއްސާކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

އަދި ހިޔާލު ހުށަހެޅުމަށް މިހާރު އެ ދެލިކޮޕީ ރިވިއުކުރުމުގެ މަސައްކަތް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު ކުރަމުންދާ ކަމަށާއި މިފަދަ ކަންކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތެއްގެ މަޝްވަރާ އާއި ހިޔާލު ހޯދުމަކީ މުހިއްމު ކަމެއް ކަމަށްވެސް މަޓާޓޯ އިން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ގައިޑްލައިން އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މާޓާޓޯ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް މަސައްކަތް ކުރާ އިރު، މިހާރުވެސް ބޮޑު ގެއްލުމެއް ލިބިފައި މިއޮތް ސިނާއަތަށް އިތުރު ގެއްލުންތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިނުވާނެ ގޮތަށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައި ނުވާގޮތަކަށް އެ ސިނާއަތުގެ ގިނަ ވިޔަފާރިތައް ހުއްޓުމަކަށް ގެނެވިފައިވާއިރު، މިހާރު ސަރުކާރުން ހުށައަޅާފައިވާ ޑްރާފްޓުން 40 އަހަރު ވަންދެން ރާއްޖެއިން ފަހުރުވެރިކަމާއި އެކު އިސްތިހާރުކޮށް ތަރައްގީ ކުރަމުން އައިސްފައިވާ ފަތުރުވެރިކަން ކިލަބުކޮށްލާނެ ފަދަ އެސްއޯޕީ އެއް ކަމަށް މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އަދި މިކަމުގެ އަސަރު ކުރިއަށް އޮތް މަސްތަކާއި އަހަރުތަކުން ވެސް ފެނިގެންދާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ އެތައް ތަނަކުން ދަށަށް ދާނެ ކަމަށް ވެސް މަޓާޓޯ އިން ފާހަގަކުރެ އެވެ.

ފާއިތުވި ދެ ދުވަސްތެރޭގައި އެސްއޯޕީ ހާމަކުރުމުގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ ފޯރަމަތަކެއް ގައި މިހާރު ސަރުކާރުން އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ އައު އުސޫލު ތަކަށް ގިނަ ބަޔެއްގެ ފާޑު ކިއުން އަމާޒުވެފައި ވާކަމަށް މަޓާޓޯ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި އެސްއޯޕީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނީ ރާއްޖެ އަކީ ފަތުރުވެރިންނަށް މަރުހަބާކިޔަން ތައްޔާރު ނޫން ކަަމަށާއި މާ ރަނގަޅު ހިދުމަތެއް ނުލިބޭނެ ގޮތަކަށް ކަމަށް ވެސް މަޓާޓޯ އިން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިކަމާގުޅިގެން މި ސަނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެނާއި އެކު މަޝްވަރާކުރުމަށް ނިންމާފައި ވާތީ އެކަން އުފަލާއެކު ފާހަގަކުރާ ކަމަށާއި އެހެން ނަމަވެސް މި ކާރިސާ އިން އަރައިގަތުމަށް މަސައްކަތްކުރާ އިރު، ރާއްޖޭގެ 40 އަހަރުވީ ފަތުރުވެރިކަމުގެ އަސްލު ނުގެއްލޭ ގޮތަށް މިކަން ކުރުމަކީ މުހިންމުކަމެއް ކަމަށް މަޓާޓޯގެ ބަޔާނުގައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!