ޚަބަރު

ޖަޕާނުން ރާއްޖެއަށް 68.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

ޖަޕާނުން ރާއްޖެއަށް 68.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި 68.8 ރުފިޔާގެ ހިލޭ އެހީ ދިނުމުގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށް ކަމަށެވެ.

އަދި މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސް-ރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެހީއަކީ ޖަޕާނުން ރާއްޖެއަށް އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތެރިކަމުގެ މިސާލެއްކަމަށެވެ. އަދި މި އެހީއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ، ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އޮތުމާއި، ރަށްތައް އުފެދިފައިވާގޮތުން އެއްގަމާއި، ވަޔާއި ކަނޑުމަގުން ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަކީ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ބޯޑަރު ބެލެހެއްޓުމުގައި ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާން ޖެހޭކަމަށް ވިދާޅުވިއެވެ.

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ.

އަދި މިއަދު ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ޔޫއެންޑީޕީ މެދުވެރިކޮށް ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ޖަޕާނުން ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!