ރިޕޯޓް

ރިޕޯޓް: ސިއްހީ ޚިދުމަތްތެރިންނަށް ދޭންވީ ބަހުން މެޓައެއްނޫން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ހާލަތާއިގުޅިގެން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ހިގައްޖެއެވެ. އިޤްތިޞާދީ އިންޖީނު ހުއްޓިއްޖެއެވެ. އެތައްބައެއްގެ ވަޒީފާގެއްލި އެތައްބަޔެއްގެ މުސާރަ ކުޑަވެއްޖެއެވެ. ދައުލަތުން އެކިނަންނަމުގައި ޕެކޭޖުތައް ތަޢާރަފްކޮށް ރައްޔިތުން ބިކަވިޔަނުދޭން ގިނަގުނަ މަސައްކަތް ކުރަންޖެހިއްޖެއެވެ. ދައުލަތާއި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ލޮކްޑައުނޭ ބުނެ އޮފީސްތަކާއި މިސްކިތްތަކާއި މަދަރުސާތައް ބަންދުކޮށްފިއެވެ. އެޔާއެކު ސަރުކާރު ހިންގުމުގެ ޚަރަދުގެ ބޮޑުބައެއް ކުޑަވެގެން ދިޔައެވެ. އިތުރުގަޑީގައި މުއައްޒަފުންނަށް ކުރާންޖެހޭ ޚަރަދު ބޮޑުބައެއް ނުކޮށްފަރުޖެއްސޭނެއެވެ. ވާނީ އެހެންތާއެވެ.މުދައްރިސުންނާއި އިދާރީ މުއައްޒަފުންނާއި މުދިމުންނަށް ދަންދެންތިބޭނީ ގޭގައެވެ. ގޭގައިތިބެގެން މަސައްކަތްކުރެވޭ ގޮތަށް އިދާރީގިނަ މުއައްޒަފުންނަށް ކަންފަހިކޮށްދީފައިވެއެވެ. އެހެންކަމުން ސިވިލްސަރވިސްގެ މުއައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދޭނެ ކަމެއްނެތްތާއެވެ.

އަންތަރީހެއް ނުވާނެ ހެއްޔެވެ. ސިވިލްސާވިސްގެ ހުރިހާމުއައްޒަފުން ގޭގައި ތިއްބަސް ގޭގައި ނުތިބެވޭނެ ބަޔަކު ތިބިކަން ފިނޭންސް މިނިސްޓަރަށާއި ސިވިލް ސާރވިސް ކޮމިޝަނަށް ހަމަ ނޭނގެނީ ހެއްޔެވެ. އާއްމު ޙާލަތަށްވުރެ ބުރަކޮށް ރެޔާދުވާލު ޤުރުބާން ވަމުންދާ ސިވިލް ސާވިސްގެ މުއައްޒަފުންތަކެއް ތިބިކަން ހަނދާން ނެތީ ހެއްޔެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ވައްޓާލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ މުއައްޒަފުންތަކެއް ތިބިކަން ޚިޔާލަށްވެސް ނާންނަނީހެއްޔެވެ. މިދައްކަނީ ރާއްޖޭގެ ކަންކޮޅުގައިތިބި ޞިއްޙީ ޚިދުމަތްތެރިންގެ ވާހަކައެވެ.

ޑޮކްޓަރުން ފެށިގެން އެޓެންޑެންޓުންނާއި މަސައްކަތު މީހުންނާއި ހަމަޔަށް މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން އެކުރަނީ އާދައިގެ ކަމެއްނޫނެވެ. ލޮލަށްނުފެންނަ، އިންސާނިއްޔަތު ނައްތާލާ ބޮޑު ވަބާ އަކާ ހަނގުރާމަކުރާ ބައެއްގެ ވާހަކައެވެ. ލޯބިވާއާއިލާއި ދުރުގައި ބަންދުވެގެން ފުރާނަ އަތްމައްޗަށްލައިގެން ލޮލުފިޔަ ނުޖަހާ ގައުމަށްޓަކާ ފިދާވަމުންދާ ބައެއްގެ ވާހަކައެވެ. ކޮވިޑް19 ގެ އަސަރު ފެނުނަސް ނުފެނުނަސް އެމީހުން އެތިބީ 24 ގަދީއިރު ގައުމީ ޚިދުމަތުގައެވެ. ސިވިލް ސާރވިސްގެ އެހެން އެންމެންހެން އާއިލާއާއި އެކުގައި އެތިބީ އެކަހެރިވެގެންނެވެ. ވޮލަންޓިއަރުންގެ ގޮތުގައި ނިކުމެ އެޚިދުމަތުގައި އުޅޭ އެހެން ބަޔަކުނެތެކޭ ނޫނެވެ. އެހެންނަމަވެސް ޞިއްޙީ ޚިދުމަތްތެރިންގެ އެންމެން އެތިބީ އިސްސަފުގައި ފުލްލޯޑުގައެވެ.

އަނެއްކާ އަނެއްކަމަކީ އާއްމު ޙާލަތުގައި އެމީހުން ކުރަމުން އައި އެއްވެސް ކަމެއް ވަގުތީގޮތުން ހުއްޓާލެވޭކަށްވެސް އޮތީއެއް ނޫނެވެ. ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުގައި ފަރުވާ ހޯދަމުންދާ އެންމެންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއްދީ އެއެންމެންގެ ފުރާނަ ސަލާމަތްކުރަން ކުރަންޖެހޭ ކުޑަވެސް ކަމެއް ދޫކޮށެއް ނުލެވެއެވެ. މޫސުމީ ރޯގާތައް ފެށިދާނެތީ ކުރަންޖެހޭ ކަންކަން ކުރުމުގައި ލޯމަރާލެވޭކަށް ނޯވެއެވެ. ވަޅުވަޅަށް ކްލޮރިން އެޅުމުން ފެށިގެން ވެކްސިންދިނުމާއި މާބަނޑުމީހުންގެ ކަންކަން ބެލެހެއްޓުމުގައި އިންޗިއެއްވެސް ފަހަތަށް ޖެހެވޭކަށް ނޯވެއެވެ. ކޮވިޑް19 ގެ ވަބާޔާއެކު އެމީހުންގެ މަސައްކަތުގެ ލޯޑު އެތައް ހާސްގުނަޔަކަށް އަރައިގެން ހިގައްޖެއެވެ.

އަގުވަޒަންނުކުރެވޭވަރުގެ އަގުބޮޑު ޚިދުމަތެއް ނުރައްކަލަށް ހުށަހެޅިގެން ތިބެ ޚިދުމަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް ފުލުފުލުން ޝުކުރު އަދާކުރާއަޑު ނިކަން ގަދައެވެ. ނޫސްކޮންފަރެންސްތަކުގައާއި އެނޫން ފޯރަމްތަކުގައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކޮންމެ ޚިޠާބެއްގައިވެސް އަސަރާއެކު ޞިއްޙީ ޚިދުމަތްތެރިންގެ ޚިދުމަތަށް ޝުކުރުއަދާކުރައްވައެވެ. އެމީހުންގެ މުސާރަ ކުޑަނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ތެދުފުޅެކެވެ. ދައުލަތުން 20000 އަށްވުރެ ދަށުން މުސާރަނަގާ އެއްވެސް މީހެއްގެ މުސާރައިން ބައިލާރިވެސް ނުކަނޑައެވެ. މުޅި ހެލްތު ސެކްޓަރ ގައި 20000 އަށްވުރެ މަތީގެ މުސާރައެއް ލިބޭނީ ދެއަތުގެ އިގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. އަސާސީ މުސާރައަށް ދިހަވަރަކަށް ހާސް ލިބޭނީ މަދުބަޔަކަށެވެ. ގިނަ މުއައްޒަފުންގެ އަސާސީމުސާރަ ދިހަހާހަށްވުރެ ދަށެވެ.

ޕެންސަން ގާނޫނު އައުމުން ޕެންސަންފަންޑަށް ދައްކަން ޖެހޭ އެއްޗެއް ކުޑަކުރުމަށްޓަކާ ސިވިލްސާވިސްގެ އަސާސީ މުސާރަތައް ބޮޑުނުކޮށް އެކިނަންނަމުގައި ދެވޭ އެލައުންސްތަކެއް ހަމަޖެއްސިއެވެ. މިއެލަވަންސްތަކަކީ ބޭނުންވުމުން ދީފައި ކަނޑާލަންވުމުން ކެނޑޭގޮތަށް ދެވޭ އެލަވަންސް ތަކެކެވެ. ސިވިލް ސަރވިސް މުއައްޒަފުންގެ ދިރިއުޅުމުގައި ބުރަވަނީ އަސާސީ މުސާރައަށްވުރެ ލިބޭ އެލަވަންސްތަކަށެވެ، ލިބޭއެއްވެސް އެލަވަންސެއް ކުޑަވުމަކީ ނުވަތަ ކެނޑުމަކީ އެމީހުންގެ ދިރިއުޅުން ހަމަޖެއްސޭވަރުގެ ކަމަކަށް ނުވެއެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ސިވިލްސަރވިސްގެ މުއައްޒަފުންގެ އެލަވަންސްތަކަށް ބޮޑުބަދަލެއް ގެނެސްފިއެވެ. ނަތީޖާއަކީ މުއައްޒަފުމީހާ ގެއަށް ގެންދަން ލިބޭ މިންވަރު ބޮޑުތަނުން ކުޑަވުމެވެ. އެޔާއެކު މުއައްޒަފުންނަށް އިތުރު ގަޑި ދިނުމުގެ އުސޫލަށް ގެނައި ބޮޑު ބަދަލުގެ ހިތިރަހަ ލާ ބަޔަކީ ރެޔާ ދުވާލުނުނިދާ 24 ގަޑީއިރު ޤައުމީ ޚިދުމަތުގައި ތިބި ޞިއްޙީ ޚިދުމަތްތެރިންނެވެ. ފުރާނަ އަތްމައްޗަށްލައިގެން ރެޔާދުވާލު އާއިލާއާއި ވަކިން މަސައްކަތްކުރާ ޞިއްޙީ އެހީތެރިންނަށް މިލިބުނީ ކިހާބޮޑުކެއްސެއް ހެއްޔެވެ. ޞިއްހީ ޚިދުމަތްތެރިންނަށް ނުދޭ އެއްޗެއް ދޭނެ އެހެން ބަޔަކު މިދައުލަތުގެ ތެރެއަކު މިއަދަކުނެތެވެ. އެމީހުންގެ ޖީބުތައް ފުރާނުދީ ފުރާދޭނެ ޖީބެއް މިހާލަތަކުނެތެވެ. ދައުލަތުގައި ބައިސެންޓް އޮތަސް އެސެންޓްގެ ހައްގު ވެރިންނަކީ ޞީއްޙީ ޚިދުމަތްތެރިންނެވެ. ޞިއްޙީ ޚިދުމަތްތެރިންނަށް ދޭންވީ ބަހުން މެޓައެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!