ކޯވިޑް-19 ޖެހި ރަނގަޅުވުމުން ދެވަނަ ފަހަރަށް ބަލި ނުޖެހޭ: ދިރާސާ
ރާމާމަކުނު ބޭނުންކޮށްގެން ކޮށްފައިވާ ދެ ދިރާސާއަކުން ކޯވިޑް-19 ޖެހި ރަނގަޅުވުމުން ދެވަނަ ފަހަރަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކަމަށް ދައްކައިފިއެވެ.
ކޯވިޑް-19 ޖެހުމުން އެ ބައްޔާ ދެކޮޅަށް ހަށިގަނޑުން އުފައްދާ އެންޓިބޮޑީގައި ދެވަނަ ފަހަރަށް ބަލިޖެހުން ހުއްޓުވާ ދިފާޢީ ބާރު ހުންނަކަމަށް ސައިންސުވެރިން ޤަބޫލުކުރެއެވެ. ނަމަވެސް އެކަން ޔަޤީންކޮށްދޭ މާބޮޑު ޢިލްމީ ހެއްކެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
އެކަން އިތުރަށް ތަހުލީލުކުރުމަށް އެމެރިކާގެ ސައިންސުވެރިންވަނީ 9 ރާމާމަކުނެއްގެ ހަށިގަނޑަށް ކޯވިޑް-19 ޖައްސައި ކޮރޯނާވައިރަސް ތަޢާރަފުކޮށްފައެވެ. މަކުނުތައް ބަލިން ރަނގަޅުވުމުން ބަލިޖައްސާ ވައިރަސް ދެވަނަ ފަހަރަށް މަކުނުތަކުގެ ހަށިގަނޑަށް ފޮނުވިއެވެ.
ހާވާޑުގެ ބެތު އިސްރާއީލް ޑީކޯންނެސް މެޑިކަލް ސެންޓަރުގައި މަސައްކަތްކުރައްވާ ސައިންސުވެރިއެއްކަމަށްވާ ޑރ. ޑޭން ބަރޫޝް ވިދާޅުވީ އެއްފަހަރު ބަލިޖެހި ރަނގަޅުވުމުން ދެވަނަ ފަހަރަށް ބަލި ޖެހުމުން ހަށިގަނޑު ރައްކާތެރިކޮށްދޭ މާއްދާތަކެއް އުފެދޭކަމަށް ދިރާސާގެ ނަތީޖާއިން ދައްކާފައިވާކަމަށެވެ.
ޑރ. ބަރޫޝާއި އޭނާގެ ބައިވެރިން ދެވަނައަށް ކުރި ތަހުލީލުގައި އަލަށް އުފައްދަން މަސައްކަތްކުރަމުންދާ 6 ވެކްސިނެއް 25 ރާމާމަކުނަކަށް ދިނެވެ. އެއަށްފަހު ރާމާމަކުނުތަކާއި ވެކްސިން ދީފައިނުވާ އިތުރު 10 ރާމާމަކުނު ކޮރޯނާވައިރަހަށް ހުށަހަޅައި ވެކްސިން ދިނުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީން ރާމާމަކުނުތައް ރައްކާތެރިކޮށްދޭތޯ ތަހުލީލުކުރިއެވެ. ވެކްސިން ދީފައިނުވާ 10 ރާމާމަކުނުގެ ނޭފަތާއި ފުއްޕާމޭގައި ވައިރަހުގެ އަސަރު ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. ނަމަވެސް ވެކްސިން ދީފައިވާ ރާމާމަކުނުތަކުގެ ހަށިގަނޑުގައި ކޮރޯނާވައިރަސް އާލާވި މިންވަރު ދަށްކަމަށް ބަރޫޝް ވިދާޅުވިއެވެ. ވެކްސިން ދިން 25 ރާމާމަކުނުގެ ތެރެއިން 8 ރާމާމަކުނަށް ކޮރޯނާވައިރަހުގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައެއްނުވެއެވެ.
އެ ތަހުލީލުތައް ދުނިޔޭގެ އެހެން ސައިންސުވެރިން ބަލައި އިތުރަށް ޔަޤީންކުރާނެއެވެ. ދިރާސާގެ ނަތީޖާތަކުން އިންސާނުންގެ ހަށިގަނޑުގައި ކޮރޯނާވައިރަހާ ދެކޮޅަށް ދިފާޢީ ބާރެއް އުފެދޭނެތޯއާއި ކިހާ ދުވަހެއް ވަންދެން އޭގެ އަސަރު ދެމިހުންނާނެތޯ ބެލިފައިނުވިނަމަވެސް ތަހުލީލުތަކުގެ ނަތީޖާތަކުން އުންމީދު އާވެފައިވާކަމަށް ބަރޫޝް ވިދާޅުވިއެވެ.