ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ބަޙްރެއިންގެ ޤައުމީ އެއާލައިންސް ކަމަށްވާ "ގަލްފް އެއާ" ގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
މިއަދު އަލުން ފެށި މިދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ގަލްފް އެއާއިން ބުނެފައި ވަނީ ރާއްޖެއަކީ އެއާލައިނަށް މުހިންމު މަންޒިލެއް ކަމަށާއި އެގޮތުން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ހަފްތާއަކު ދެ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ އެއަރލައިނުން އުދުހުންތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީ ވެސް ރާއްޖެކަމަށް ގަލްފް އެއަރއިން ހާމަކުރެއެވެ.
ގަލްފް އެއާލައިނުގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ މިދިޔަ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އެ އެއަރލައިނުން ދިޔައީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
މިހާރު ވެސް ގަލްފް އެއާއިން ދަނީ މެދު އިރުމަތީގެ ގިނަ ޤައުމުތަކަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށް ވެސް މިހާރު ދަތުރުތައް ފަށާފައިވާއިރު، އިންޑިއާ އަދި ޕާކިސްތާންގެ ބައެއް ސިޓީތަކަށް ގަލްފު އެއަރގެ ދަތުރުތައް ވަނީ އަލުން ފަށާފައެވެ.