ހަގީގީ ހާދިސާ ރިޕޯޓް

ހަގީގީ ހާދިސާ: އެކުވެރިޔާ މަރުވެގެން ދިޔައީ އަތް ދަނޑިމަތީގައި،ދިން ސިޓީއެއް ކިޔައި ހިތް ފަޅައިގެން ދާވަރުވި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެކުވެރިކަމަކީ ބާރެކޭ އަދި ގަދަފަދަ ވި ގުޅުމެކޭ ބުނާ އަޑު އަހަމުއެވެ. އެހެން ނަމަވެސް އެއީ އެހާ ބާރުގަދަ އަދި އެހާމެ ގަދަފަދަ ގުޅުމެއްކަން ކުރިއަކުން ނޭނގެއެވެ. އެކަން އަހަރެންނަށް އަންގައިދިނީ ހުރިހާ ގޮތަކުން ވެސް އަހަރެންނާ އެންމެ ގާތުގައި ވި އެކުވެރިޔާއެވެ. މި ފަނާކުރަނިވި ދުނިޔެއިން އަލްވަދާއު ކިޔައިފައިވާ މަގޭ އެންމެ ގާތް އެކުވެރިޔާއެވެ.

Ads by Hajj Corporation

ތިމާގެ އެންމެ ގާތް އެކުވެރިޔާ މިދުނިޔެއިން ފަނާވެގެން ދާވަގުތު އެ އެކުވެރިޔާއާ އެންމެ ގާތުގައި ތިބާ ހުންނަން ބޭނުން ނުވާނެ ހެއްޔެވެ؟ އެދުވަހު އަހަރެންނަށް އެ ފުރުސަތު ލިބިގެން ދިޔައީތީ އެކަލާނގެ ޙަޟްރަތަށް މިއަދު ޝުކުރުވެރި ވަމެވެ. ބަލި އެނދުގައި އެތައް ދުވަހެއް ވަންދެން އޮތުމަށް ފަހު އަދި އެތައް ވޭންތަކެއް އުފުލުމަށް ފަހުގައި އެފަކީރު މިދުނިޔެއިން ވަކިވީ ޝަހާދަތުގެ ދެކަލިމަ ވެސް ކިޔުނު ފަހުން ކަމީ އެކަލާނގެ ޙަޟްރަތުން އަހަރެން އަބަދުމެ ޝުކުރުވެރި ވާނެ ކަމެކެވެ.

އާދޭހެވެ. އެފަކީރު މަރުވެގެން އެދިޔައީ ބަލި އެނދުގައި އެތަކެއް ވޭނެއް ތަހައްމަލު ކުރުމަށް ފަހުއެވެ. ހުރިހާ މަންޒަރެއް އެންމެ ގާތުން އަހަރެން ދުށީމެވެ. އެތައް ދުވަހަކު އެފަކީރު ކަރުނަ އަޅާ ރޯ މަންޒަރު އަހަރެން ދުށީމެވެ. ކުރީގައި އަހަރެންނާއެކު ހީސަކަރާތް ޖަހާ އުޅުނު އެ އެކުވެރިޔާ، އެއްކޮށް މޮޅިވެ، މައިތިރިވެފައިވާ މަންޒަރު އަހަރެން ބެލީމެވެ.

އެހެންނަމަވެސް ދުވަހަކު ވެސް އެ އެކުވެރިޔާ ކުރިމަތީގައި އަހަރެން ކަރުނަ ތިއްކެއް ނުބާލަމެވެ. އެފަކީރު އެހާލުގައި އޮތުމުން އަހަރެން ދެރަވާކަން ވެސް އަހަރެން ހާމައެއް ނުކުރަމެވެ. އަހަރެންނަށް ވީ ވަރަކުން އެންމެ ގިނަ ވަގުތު އަހަރެން ހޭދަކުރީ ވެސް ހަމަ އެ އެކުވެރިޔާއާއެކުއެވެ. އުޅުނު ވަޒީފާއިން ވެސް ކެނޑިގެން އަހަރެން ގިނަ ވަގުތު ހޭދަކުރީ އެ އެކުވެރިޔާ އާއެކުއެވެ. އެހެންނަމަވެސް އެފަކީރަށް އެކަމެއް ވެސް ނާންގަމެވެ. އެކަމާމެދު އެކުވެރިޔާ ހިތްހަމަ ނުޖެހޭނެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.

ދުވަހަކަށް ފަހު ދުވަހެއް ފާއިތު ވަމުން ދަނީއެވެ. ލޯ ކުރިމަތިން އަހަރެންގެ ލޯބިވާ އެކުވެރިޔާ ބަލިކަށިވާ މަންޒަރު އަހަރެންނަށް ފެންނަމުން ދިޔައެވެ. މީގެ ކުރިން އަހަރެންނާ އެ އެކުވެރިޔާ އަޅާ ކިޔާ ދެމީހުން ތެރެއިން އެންމެ ފަލައީ ކާކުތޯ ބުނެ ސަކަރާތް ވެސް ޖަހާނެއެވެ. އެހެން ނަމަވެސް މިއަދު އެފަކީރު އެއޮތީ އެއްކޮށް އަނަރޫފަ ވެފައެވެ. ހިކި ކަމުން ދެފުށް ޖެހޭ ނުޖެހޭ ހިސާބުގައެވެ. ކާ އެތިކޮޅެއް ދިނަސް ހޮޑަށް އަންނަނީއެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އަހަރެން ފަތިސް ނަމާދު ކޮށްލައިގެން ހެނދުނުގެ ނާސްތާއަށް ފަހު އެކުވެރިޔާ ގާތަށް ދިއުމަށް މިސްރާބު ޖެހީމެވެ. މިފަހަރު ދިޔައީ ވެސް އަހަރެންގެ މަންމަމެން ވެސް ގޮވައިގެންނެވެ. މަންމަމެން އެކުވެރިޔާގެ ހާލު އަހުވާލު ބަލާލަން ބޭނުންވެފައި ހުރިވަރުންނެވެ. ގެއިން ނިކުމެ މާ ގިނަ އިރުތަކެއް ނުވަނީސް ވަރަށް ބާރަށް ދުވަމުން އައީ އެކުވެރިޔާ ގޭގެ އަވައްޓެރިއެކެވެ. އަދި ވަރަށް އަވަހަށް އެގެއަށް ދިއުމަށް އެދުނެވެ. އަހަރެން ވެސް ހާސްވެފައިވާ ހާލު ދުއްވައިގަތީމެވެ.

އެކުވެރިޔާ ދިރިއުޅެމުން ދިޔަ ގޭގެ ދޮރުމައްޗަށް އެރި ވަގުތު އެ އެކުވެރިޔާގެ އާއިލާ އެންމެން އެތަނުގައި ވަށައިލައިފައިވާ މަންޒަރު ފެނުނެވެ. އެންމެންގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. މާހައުލަށް ވެރިވެފަައި ވަނީ ހަމަހިމޭން ކަމެވެ. އެހިނދު އެކުވެރިޔާ އަހަރެންނާ ދިމާއަށް އިޝާރާތުން އެ ގޮވާލީ ގާތަށް އައުމަށެވެ. މަޑުމަޑުން އަހަރެންގެ ލޯބިވާ އެކުވެރިޔާ ގާތަށް ދިޔައިމެވެ.

އެފަކީރުގެ ބޯނަގާ އުނގުމަތީގައި އަހަރެން ބާއްވައިފީމުއެވެ. އެހިނދު އަހަރެން ހިފުމަށް އެދި ސިޓީއެއް ވެސް އަހަރެންގެ އަތަށް ހަވާލުކޮށްދިނެވެ. ގައިގައި އެއްވެސް ހާލެއް ނެތުމުން އެފަކީރު އެއޮތީ ވާހަކަ ވެސް ނުދެއްކޭ ހާލުގައެވެ. އެފަކީރު އުފުލަމުން ދިޔަ ތަކުލީފުތައް އަހަރެންނަށް އެވަގުތު ފެންނަމުން ދިޔައެވެ. އަދި މަޑުމަޑުން ވައި އަޑުން އެއްޗެއް ކިޔާތީ ކަންފަތް ގާތް ކޮށްލީމެވެ. އެފަކީރު ޝަހާދަތުގެ ދެކަލިމަ ކިޔައިފިއެވެ. އަހަރެންގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށީ އެވަގުތުއެވެ. އަދި އެކުވެރިޔާ ގަޔާލާ މަޑުމަޑުން ބައްދާލީމެވެ.

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ އަހަރެންގެ އެންމެ ލޯބިވާ އެކުވެރިޔާ މިދުނިޔެއިން ވަކިވެއްޖެއެވެ. އެފަކީރު ދާއިމަށް ލޯ މަރައިލައިފިއެވެ. އަހަރެންގެ އެންމެ ގާތް މިތުރު ގެއްލުނީއެވެ. ހުއްޓުމެއްގައި އަހަރެންނަށް އިރުކޮޅެއް ވަންދެން އެފަކީރު މޫނަށް ބަލަން ހުރެވުނެވެ. ހަގީގަތްކަން އެނގި ހުރެ ވެސް ހަގީގަތް ގަބޫލުކުރަން ބޭނުން ނުވެފައެވެ. އެކީގައި ޖެހި ސަކަރާތްތަކާއި ދެކެވުނު ވާހަކަތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އެކަނިވެރިކަން އިހުސާސް ކުރެވެން ފަށައިފިއެވެ.

އެކުވެރިޔާގެ ކަށުކަމާކެމީގެ ކަންކަން ނިންމާލުމަށް ފަހު، އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ދިން ސިޓީ ކިޔާލުމަށް އެކަހެރި ވެލީމެވެ. އަތިރި މައްޗަށް ގޮސް ސިޓީ ހުޅުވައިލީމެވެ. ސިޓީގައި ވަނީ އަހަރެމެން ދެމީހުންގެ މާޒީގެ ވާހަކަތަކެވެ. ދެކެވުނުހާ ސިއްރުތަކެވެ. އެފަކީރު ކޮށްދޭން އެދިފައިވާ ބައެއް ކަންތައްތަކެވެ. އަހަރެމެންގެ "ބްރޯ" ކޯޑުގެ ބައެއް ބަސްތަކެވެ. އަހަރެންގެ އެކުވެރިޔާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ދެމީހުން ދެކެވުނު ވާހަކަތަކެވެ. އަދި ދެން ހުރީ ސިޓީއުރައަށް އަޅާފައިވާ އަހަރެމެން ދެމީހުންގެ ތަސްވީރުތަކެވެ. އެތައް ހަނދާން ތަކެކެވެ.

ދެލޯ ކަރުނުން ފޯވިއެވެ. އެކުވެރިޔާ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެންނަމަވެސް މިއަދު ބައްދާލަން ވެސް އެފަކީރެއް ނެތެވެ. އެ ސިޓީއުރަ އަދިވެސް އަހަރެންގެ އަތުގައި އެބަ އޮތެވެ. ދުވަހަކު ވެސް އެ ސިޓީ ގެއްލޭކަށް އަހަރެންނެއް ނޭދެމެވެ. އަހަރެންގެ ހަޔާތުގައި ވެސް ލިބުނު ޖަވާހިރެއްފަދަ ގޮތަކަށް އެ ސިޓީ އަހަރެން ރައްކާ ކުރާނަމެވެ. އަދި އަބަދު ވެސް އެފަކީރު ބުނެދިން ގޮތަށް ކަންކަން ކުރަން ޢަޒުމު ކަނޑައަޅައިގެން އަހަރެމެން ދެމީހުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނަމެވެ. މާތްﷲ އެ އެކުވެރިޔާގެ ފާފަތައް ފުއްސަވާ ހެޔޮ ރަޙުމަތް ލައްވާށިއެވެ.އާމީން!

Ads by Allied Insurance
  1. ޒީނާ

    އެފަކީރު

  2. އޭނަ

    ބޭނުން ތިޔަފަަދަ އެކުވެރިއެއް.

  3. ބަލީގެ ތަފްސީލު ލިޔެލިނަމަ ވަރަށް ރަނގަޅުވީސް – ސިޓީގަ ލިޔެފަ އޮތީ ކީކޭކަންވެސް ކޮންމެސް ވަރަކަށް ލިޔެލިނަމައޭ ހިތަށްއެރި