ދުނިޔެ

މަސައްކަތްކުރާ ސަރަހައްދުން އަމިއްލަ ވަޒަނަށް ދިޔުމަށް އިންޑިއާ ސަރުކާރުން އިންތިޒާމްކުރި ރޭލް ދަތުރުތަކުގައި 21 ކުއްޖަކު އުފަންވި

ދެން އެމްވީ ، ދެން އޮންލައިން

މާރޗް 25 ގައި އިންޑިޔާގައި އިޢުލާންކުރި ލޮކްޑައުންގެ ސަބަބުން، އާންމު ދަތުރުފަތުރުގެ ނިޒާމް ހުއްޓާލުމުން އެކި ސްޓޭޓްތަކުގައި މަސައްކަތްކުރަން ތިބި އެތައް ލައްކަ މީހުން ހިނގާފައި އެމީހުންގެ އާއިލާ ގާތަށް ދިއުމަށް ދަތުރު ފެށިއެވެ.

Ads by Sosun Fihaara

ބައެއް މީހުނަށް މިއީ 1900 މޭލު ގެ ދަތުރު ތަކަށްވެސް ވެފައި އެބަހުއްޓެވެ. މިހެން ހިނގާފައި ނިކުތް މީހުންގެ ތެރެއިން މަގުމަތީގެ އެކި އެކްސިޑެންޓްތަކުގައި އަދި އެހެނިހެން ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ވުމަށް ފަހު އިންޑިޔާ ސަރުކާރުން އިންތިޒާމް ކުރަން ފެށި ޚާއްޞަ ރޭލްތަކުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 21 ތުއްތު ކުއްޖަކު ވިހާފައިވާ ކަމަށް ރޭލްވޭ އިން ހާމަ ކޮށްފިއެވެ.

މިގޮތަށް ހިނގާފައި އެތައް މޭލެއްގެ ދަތުރަށް ނިކުތް މީހުންގެ ތެރެއިން ސަރުކާރުން އިންތިޒާމްކުރި ރޭލްތަކަށް އެރުމުގެ ނަސީބު ލިބުނު އެކަކީ ވިހަން ކައިރިވެފައި އިން މަމްތާއެވެ. މޭ 8 ވަނަ ދުވަހު ގުޖުރާތުގެ ޖާމް ނަގަރުން ނައްޓާލައިގެން ބިހާރަށް ދެވުނުއިރު އޭނާގެ އުރުގައި ތުއްތު ދަރިފުޅު އޮތެވެ.

މަމްތާގެ ބަނޑުގައި ރިއްސަން ފެށުމުން އޭނާ އިން ކޮމްޕާޓްމަންޓް ބަންދުކޮށް ވިހާ ކޮޓަރިއަކަށް ހަދައިގެން، ޑޮކްޓަރުންގެ ޓީމަކާ ރޭލްވޭގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މަމްތާވަނީ ސިއްޙަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހާފައެވެ. އިތުރު ތަނަކަށް މަޑު ކުރާ ގޮތަށް ހަމަޖެހިފައި ނެތް ނަމަވެސް މި ރޭލު، މަމްތާގެ ދެމައިންނަށް އިތުރުފަރުވާ ބޭނުންވެދާނެ ކަމަށް އާގްރާ ސްޓޭޝަންގައި މަޑުކުރިއެވެ. ނަމަވެސް ދޭންވާ އިތުރު ފަރުވާ އެއް ނެތުމުން ހަމަ އެ ރޭލްގައި މަމްތާ ދަތުރުކޮށް އާއިލާގެ ގާތަށް ދިޔައެވެ.

މަމްތާފަދަ އެތައް ބަޔަކު މިގޮތަށް މި ރޭލްގެ ދަތުރުތަކުގައި ވަނީ ވިހާފައެވެ. ވިހޭ ކުދިންނަށް އެހީވުމަށް ސިއްޙީ އެހީތެރިންނާއި ރޭލްވޭގެ މުވައްޒަފުން ހަރަކާތްތެރި ވިއެވެ. އިތުރު ފަރުވާ ދޭން ޖެހުނު މީހުން ވަނީ ހޮސްޕިޓަލްތަކަށް ބަދަލު ކުރެވި ފަރުވާ ދެވިފައެވެ. މާބަނޑު އަންހެނުންނާއި ދަރިން ގޮވައިގެން ދަތުރުކުރާ މައިންނާ، ނުކުޅެދޭ މީހުންގެ އިތުރުން ދުވަސްވީ މީހުންނަށް އިސްކަންދީގެން ބާއްވާ މި ރޭލް ދަތުރުތަކުގައި މޭ 16 އަދި 17 ވަނަ ދުވަހު ވިހޭ ދެކުއްޖަކު އޮތީ ވިހޭއިރުވެސް އޮތީ މަރުވެފައެވެ. އަދި 17 މޭގައި ވިހޭ އެހެން ކުއްޖަކު ވަނީ ވިހޭތާ 2 ގަޑިއިރު ފަހުން މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!