ބިނާ ކުރަންވީ ހައްގުތައް ރައްކާތެރި ކޮށްދޭ ގައުމިއްޔަތެއް: ނަޝީދު

ބިނާކުރަންވީ އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދޭ ގައުމިއްޔަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައްގުތައް ރައްކާތެރި ކޮށްދޭ ގައުމިއްޔަތެއްގެ ވާހަކަ ނަޝީދު މި ދެއްކެވީ ހައްގުތައް ލިބެން ޖެހޭނީ ހުދޫދެއްގެ ތެރެއިން ކަމަށް ރައީސް މުހައްމަދު މުއިއްޒު ގައުމީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ.
ނަޝީދު ވިދާޅުވީ އެ ގައުމިއްޔަތު ވާން ޖެހޭނީ އިސްލާމީ މަތިވެރި އުސޫލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ އިތުރުން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ފާގަތި ކަމާއި ތަނަވަސްކަން ހޯދައިދޭ ގައުމިއްޔަތަކަށް ކަމަށެވެ.
ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ތިލަވެގެން މި އުޅެނީ މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަނެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރު ބިލެއް ހުށަހެޅުއްވުމުންނެވެ.
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މިހާރު މީޑިއާތައް ރެގިއުލޭޓް ކުރަން އޮންނަ މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ބިލުން ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެމްޖޭއޭ އާއި އެމްއެމްސީން ދެކެ އެވެ. އެ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މީޑީއާތަކުން އިންތިހާބުކުރި ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބެ އެވެ. އަނެއް ތިން މެންބަރުން އައްޔަންކުރަނީ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އެވެ.
