ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުމުގައި އިންސާފެއް ނެތް: ރައީސް ނަޝީދު
އެމްމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް ރައީސް ޔާމީން ގެ ސިޔާސަތު ތަކަށް ތާއީދު ނުކުރައްވާ ކަން ވެސް ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
ރައީޝް ނަޝީދު މިހެން ވިދާޅުވެފައިވަނީ "ރަށްވެހި ފަތިސް ލަންކާ" ނަމަކަށް ކިޔާ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާ ފޮޓޯ ނަންގަވައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. މި މެސެޖުގެ ފޮޓޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ދިވެހިބަހުން ރައީސް ނަޝީދު ލިޔުއްވާފައިވާ މެސެޖުގައި ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް ތާއީދު ނުކުރައްވާ ކަން ފާހަގަކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް "އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް އެމްޑީޕީ އިން ބުނެފައިވާނެ ކަމަށް ވެސް އެމެސެޖުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކާފައިވާއިރުރައީސް އަބްދުﷲ ޔާމިންގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައި، ޔާމީނަށް ސަނާކިޔާފައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ދެ މެމްބަރަކު ކުރެއްވި ޓްވީޓްތަކެއް ވެސް ކުރީގެ ރައީސް ނަޝީދު ވަނީ އިއްޔެ ޓްވީޓުކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ މަރުގެ ކޮމިޝަންގެ މަސައްކަތްތަކަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބެލުމުގައި ފަސްޖެހެންވީ ސަބަބެއް ނެތް ކަމަށާއި މަރު ކޮމިޝަންގެ މައްސަލަތައް ވެސް ހަމަ އެފަދަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ކުރާން ބުނި ކަމެއް ޖެހޭނީ ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.