ދުނިޔެ

ތުރުކީގައި ތިބި ސީރިޔާގެ ރެފިއުޖީން ގޮތްހުސްވެ ގުނަވަންތައް ވިއްކަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެންމެ ތަނަވަސްމީހުންނަށާއި އެންމެ ބޮޑެތި ވިޔަފާރިވެރިންނަށް ވެސް އަސަރު ކުރިއިރު، ކުރިން ވެސް ދިރިހުރުމަށް ހަނގުރާމަ ކުރަން ޖެހިފައިވާ ރެފިއުޖީންގެ ހާލު ބަޔާން ނުކުރިޔަސް އިޙްސާސް ކޮށްލެވޭނެއެވެ. ދިރިއުޅޭނެތަނަކާއި، އާއިލާގެ ދުވަހުގެ ކޮއްތާއި އެހެނިހެން ކަންކަމާމެދު ކޮންމެ ދުވަހަކު ފިކުރު ކުރަން ޖެހިފައިވާ ރެފިއުޖީންގެ ދިރިއުޅުން ކޮވިޑް-19 ގެސަބަބުން އިތުރަށް ދަތިވެގެން ދިޔައެވެ. ސީ.ބީ.އެސް ނިއުސްގެ ފަރާތުން ހާމަ ކުރިގޮތުގައި ރެފިއުޖީންގެ ދިރިހުރުމަށް މިހާރު އޮތް ހަމަ އެކަނި އުއްމީދަކީ އެމީހުންގެ ކިޑްނީ އަދި ފުރަމޭ ވިއްކުން ކަމަށް ގިނަ ބަޔަކު ގަބޫލުކޮށް އެކަން ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މިކަން ދުނިޔެއަށް ހާމަ ކުރުމަށް ސީ.ބީ.އެސްގެ ފަރާތުންވަނީ ސިއްރު ކެމެރާ ހަރުކޮށްގެން އޮޕަރޭޝަނެއް ހިންގާ، "ސެލިންގ އޯގަންސް ޓު ސަވައިވް"ގެ ނަމުގައި ޑޮކިއުމެންޓްރީ އެއް ހަދާފައެވެ. މި ޑޮކިއުމެންޓްރި އިން ފެންނަ އެކަކީ، ސީރިޔާގެ ދާޚީލީ ހަނގުރާމައިން ފިލައިގެން ތުރުކީއަށް ގޮސްހުރި އަބޫ އަބްދުﷲ އެވެ. ކޮވިޑް-19 ގެ ކުރީގައި އަބޫ އަބްދުﷲ ކުރި ކަމަކީ ބާ އެއްޗެހި ހޮވައިގެން އެއިން ބޭނުންވާ ބައިތައް ނަގައިގެން ވިއްކުމެވެ. މި މަސައްކަތުން އޭނާއަށް މަހަކު 300 އެއްހާ ޑޮލަރު ލިބެއެވެ. ނަމަވެސް މަސައްކަތް ހުއްޓި ގޮތް ހުސްވެފައިވަނިކޮށް އޭނާ އާ ބައްދަލުވި މީހަކު ވަނީ، ކިޑްނީ ވިއްކައިގެން 10 ހާސް ޑޮލަރު ލިބިދާނެ ކަމަށް ބުނެ އަބޫ އަބްދުﷲ ހައްލާލާފައެވެ.

ނަމަވެސް އޮޕަރޭޝަން ކޮށްގެން ކިޑްނީ ނެގުމަށްފަހު ދޭންވާ ފައިސާއިން އެއްބައި ދިނުމަށް ފަހު ކިޑްނީ ވިއްކުމަށް މެދުވެރިވި މީހާ ވަނީ ފިލާފައެވެ. މިގޮތަށް ގުނަވަން ވިއްކާފައިވަނީ ހަމަ އެކަނި އަބޫ އަބްދުﷲ އެއް ނޫނެވެ. ތިންކުދިން ގޮވައިގެން އުޅޭ އެކަނިވެރި މައެއް ކަމަށްވާ އުއްމު މުޙައްމަދު ބުނީ ހަތަރު ހާސް ޑޮލަރަށް އޭނާގެ ފުރަމެއިން އެއްބައި ވިއްކާލާފައިވާ ކަމަށާ، ލިބުނު ފައިސާއިން މި ދިޔަ އަހަރު ނުދެއްކިވާ ކުއްޔާއި މި އަންނަ އަހަރަށް ވެސް ގޭގެކުލި ދައްކާފައިވާ ކަމަށެވެ.

މިގޮތަށް ގުނަވަން ވިއްކުމަކީ އަދި ގަތުމަކީ ތުރުކީގެ ގާނޫނުން މަނާ ކަމެކެވެ. އެހެންކަމުން މިކަން ހުއްޓުވުމަށް މި ރެފިއުޖީންނަށް އެހީތެރިވުމަށް، ސީރިޔާ-އެމެރިކާގެ ވިޔަފާރިވެރިއަކު ވަނީ އިސްނަގާފައެވެ. ޔަކްޒާން ޝިޝަކްލީ ހާމަ ކުރިގޮތުގައި، މިގޮތަށް ގުނަވަން ވިއްކައިގެން އެމީހުން މަރުވި ކަމުގައިވިޔަސް އާއިލާއަށް މާލީ އެހީތެރިކަމެއް ލިބޭނެ ކަމުގެ އުންމީދުގައި މިކަން މިގޮތަށް ކުރެވެމުން ދަނީ ކަމަށެވެ. މިއީ ރެފިއުޖީންގެ ޙާލަތު ދަށަށް ގޮސްފައިވާ މިންވަރު ތަސައްވަރު ކޮށްލުމަށް ފުދޭ ވަރެއްގެ ހާދިސާއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!