ލައިފްސްޓައިލް

ގޭގެ ދޮރުފޮތިގަނޑަކީ ތިބާ ބަލިވުމުގެ ސަބަބަކަށް ވެދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ލިޔުމުގެ ސުރުހީ ކިޔާލާފައި އާޝޯހުވުމަކީ ވެދާނޭ ކަމެއް ކަން އެނގެއެވެ. ގޭގެ ދޮރުފޮތިގަނޑަކީ ތިބާ ބަލިވުމުގެ ސަބަބަކަށް ވެދާނޭ ބުނުމުން ދެލޯ ތަރަތަރަ ޖަހައިގެން ދިއުމަކީ މައްސަލައެއް ނޫނެވެ. މި ވާހަކަ އަކީ ގަބޫލުކުރަން ދަތި ވާހަކަ އަކަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް މިއީ ހަގީގަތުގައި ވެސް ތެދު ވާހަކައެވެ. އިލްމީ ދިރާސާތަކުން ސާބިތުވެފައި ހުރި ވާހަކަތަކެވެ.

Ads by Sosun Fihaara

ތިބާގެ ގޭގެ ދޮރު ފޮތިގަނޑު ގިނައިން ބަހައްޓަނީ ކަހާލާފައި ހެއްޔެވެ؟ ނުވަތަ ނުކަހާ ހެއްޔެވެ؟ ވިއްސާރަ ދުވަސްތަކުގައި ގިނަ ފަހަރަށް ދޮރުފޮތިގަނޑު ބަހައްޓަނީ ނުކަހައެއް ނޫން ހެއްޔެވެ. އަދި ހޫނުގަދަ ދުވަސް ދުވަހަށް ދޮރުފޮތިގަނޑު ކަހާފައި ބަހައްޓަމެއް ނޫން ހެއްޔެވެ. އެވަރުން ނުވެގެން ކުޑަދޮރުތައް ވެސް ހުޅުވަމެއް ނޫން ހެއްޔެވެ.

މަގުމަތިން ދާ މީހުންނަށް ނުވަތަ ޖެހިގެން ހުރި ގޭގައި އުޅޭ މީހުންނަށް ކުޑަދޮރުން ގޭގެ އެތެރެ ފެންނަ ނަމަ ގިނަ ފަހަރަށް ދޮރުފޮތިގަނޑު ނުކަހައި ބެހެއްޓުމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އެހެން ނަމަވެސް އަދި ތިޔައީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ.

އެފަދަ ގޭގޭގައި ގިނަ ވަގުތު ބަހައްޓަނީ ދޮރުފޮތިގަނޑު ނުކަހައެވެ. އެހެން ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ވަގުތު ދޮރުފޮތިގަނޑު ނުކަހާ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މި ދިރާސާ އަކީ ޔުނިވާރސިޓީ އޮފް އޮރިގޮން އިން ހަދާފައިވާ ދިރާސާއެކެވެ.

ދޮރު ފޮތިގަނޑުގެ ސަބަބުން ބަލިވާންވީ ކީއްވެ؟

އެމެރިކާގެ ޔުނިވާރސިޓީތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދޮރުފޮތިގަނޑު އަބަދު ނުކަހާ ބެހެއްޓުމަކީ ރޯގާ ޖެހުމާއި ހުން އައުން ފަދަ ބަލިތަކަށް ތިބާ ހުށަހެޅިގެން ގޮސްފާނެ ކަމެކެވެ. ސަބަބަކީ ދޮރުފޮތިތައް ނުކަހާ ބަހައްޓާނަމަ އިރުގެ އަލި އެއްވެސް ގޮތަކަށް ގެއަށް ނުވަތަ ކޮޓަރިއަށް ވެސް ނުލިބޭތީއެވެ. ނަމަވެސް ދޮރުފޮތިގަނޑު ހާއްސަކޮށް ހެނދުނުގެ ވަގުތުގައި ކަހާލުމަކީ އެތަނެއްގައި އުޅޭ ބެކްޓީރިއާތައް މަދުވެގެން ދާ ކަމެކެވެ. ސަބަބަކީ އިރުގެ އަލިން ބެކްޓީރިއާތައް މަރުވާތީއެވެ. އެހެން ނަމަވެސް ދޮރުފޮތި އަަބަދު ނުކަހާ ބެހެއްޓުމަކީ ބެކްޓީރިއާތައް ގިނަ ވެގެންދާނޭ ކަމެކެވެ.

މި ދިރާސާކުރި ޔުނިވާރސިޓީތަކުން ހެދި ދިރާސާތަކުގައި ވަނީ ދޮރުފޮތިގަނޑު ކަހާފައި ހުރި ކޮޓަރި އަކާއި ނުކަހާ ހުރި ކޮޓަރިއެއް އަޅާ ކިޔާފައެވެ. އެގޮތުން 90 ދުވަސް ވަަންދެން ދޮރުފޮތި ނުކަހާ ހުރި ކޮޓަރިއަކާއި 90 ދުވަސް ވަންދެން ކޮންމެ ދުވަހަކު ދޮރުފޮތި ކަހާ ކޮޓަރިއެއް އަޅާކިއުމުން އެނގުނީ ދޮރުފޮތި ނުކަހާ ކޮޓަރީގައި އަނެއް ކޮޓަރީގައި އުޅޭ ވަރަށްވުރެ ދެގުނަ ގިނައިން ބެކްޓީިރިއާ އުޅޭ ކަމެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!