ދުނިޔެ

ރެކޯޑް އަދަދަށް މީހުން ފައްސިވެ، އެންމެ ގިނައިން ކޮވިޑް ޖެހިފައިވާ މީހުން ތިބި ގައުމަކަށް ބްރެޒިލް ވެދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ގައުމުތަކުން ކޮވިޑް-19 އާ ގުޅިގެން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮނަލްޑް ޓްރަމްޕް ގެ އިތުރުން އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްޒޯނަރޯ އަށެވެ.

Ads by Sosun Fihaara

ބޮލްޒޯނަރޯގެ ދޯހަޅި ސިޔާސަތުތަކާ އެއްބަސް ނުވުމުގެ ސަބަބުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުގެ ދެ ހެލްތު މިނިސްޓަރަކު ވަނީ އިސްތިޢުފާ ދީފައެވެ. ކޮވިޑް-19 ގެ ކަންތަކުގެ ކޮންޓްރޯލް ދޫވެ މިހާތަނަށް މި ގައުމުން 310،087 މީހަކަށް މި ބަލި ޖެހި 20 ހާސް މީހަކު ވަނީ މަރުވެފައެވެ. ހަމަ އެންމެ ދުވަހަކު އެގައުމުން ޕޮޒިޓިވް ވި އަދަދު 18،500 އަށް ވަނީ އަރާފައެވެ. މި އަދަދުތަކާއެކު ކޮވިޑް-19 އެންމެ ގިނައިން ޖެހުނު ގައުމުގެ ލިސްޓްގެ ދެވަނައިގައި މިހާރު އޮތް ރަޝިޔާގެ މަޤާމަށް، ބްރެޒިލް އެރުން އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

ބޮލްޒޯނަރޯގެ ސިޔާސަތުތަކުގެ ސަބަބުން ބްރެޒިލްގެ އިގްތިސާދު އިޔާދަ ނުކުރެވޭ ވަރަށް ހަލާކުވެ އޭނާ ދެވަނަ ދައުރަކަށް ހޮވިދާނެކަމަށް އޮތް އުއްމީދު ވަނީ ފަނޑުވެފައެވެ. ބޮލްޒޯނަރޯ ވަނީ ގައިދުރުކުރަން ނުޖެހޭކަމަށް ބުނެ، ބަލި ޖެހުމުން ފަރުވާ އަކީ ހައިޑްރޮކްސިކްލޮރޮކުއިން ކަމަށް އަންގާފައެވެ. ނަމަވެސް މެލޭރިޔާއަށް ފަރުވާ ކުރަން ބޭނުންކުރާ މި ބޭހަކީ އެއިން އެއްވެސް ފައިދާއެއް، ކޮވިޑް-19 އަށް ކުރާ ބޭހެއް ނޫންކަމަށް ދުނިޔޭގެ ހުރިހާ ސިއްހީއެހީތެރިން މިހާރު އިއްތިފާގުވެއެވެ. އަދި މިބޭސް ބޭނުން ނުކުރުމަށް ސިއްހީމާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.

ބޮލްޒޯނަރޯގެ ސިޔާސަތުތަކާ ގުޅިގެން އެގައުމުގެ ގަވަރނަރުންނާއި މޭޔަރުންނާ އޭނާއާ އޮންނަ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ބޮލްޒޭނަރޯ ފާހަގަ ކުރާ ގޮތުގައި ގައުމު ބަންދުކޮށްގެން ގެންގުޅުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، މީހުން ބަލިވާ އަދަދަށް ވުރެ އިގްތިސާދު ހިނގަންފެށުން މުހިންމު ކަމަށްބުނެފައެވެ. ކޮވިޑް-19 ކަންކަމާ ގުޅިގެން ބޮލްޒޯނަރޯއަށް އޮތް ތާއީދު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ރައްޔިތުންނާއި، ބައިނަލްއަގްވާމީ ދުނިޔެ ބުނަމުންދާ މި ދަނޑިވަޅުގައި، މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބޮލްޒޯނަރޯ ބުނީ، " ރައީސް ކަމުގައި އަހަރެއް ވެގެންދާ އިރު ކުރިން ކުރި ތާއީދު ފަނޑުވެގެން ދިއުމަކީ އެއީ ވަރަށް އާންމު ކަމެއް" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!